ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްސަލާގައި ގާޒީ ބަދަލުވިކަން އޭނާއަށް ނާންގައި އޮތުމުން މިއަދުގެ ޝަރީއަތް ނިންމާލައިފި އެވެ.

މީގެ ކުރިން އެ މައްސަލަ ބެއްލެވީ ގާޒީ ހުސެއިން ޝަހީދު އެވެ. ނަމަވެސް މިއަދު މައްސަލަ ބައްލަވަން އިންނެވީ ގާޒީ އަހުމަދު ހައިލަމް އެވެ.

ނަދީމުގެ ވަކީލު ވިދާޅުވީ އިޖުރާއަތު ގާނޫނުގައި ބުނެފައިވާ ގޮތަށް ގާޒީ ބަދަލުވިކަން ނަދީމަށް އަންގާފައި ނެތް ކަމަށެވެ. އެހެންކަމުން އިޖުރާއަތުތަކާ ހިލާފަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން ފަނޑިޔާރު ބަދަލުވާ ހާލަތުގައި ކޯޓުގެ އިސް ފަނޑިޔާރު އެކަން ދައުވާ ކުރާ ފަރާތާއި ދައުވާ ރައްދުވާ ފަރާތަށް އަންގަން ޖެހޭނެ އެވެ.

ނަދީމުގެ ވަކީލު އިޖުރާއީ ނުކުތާ ފާހަގަ ކުރުމުން ގާޒީ ހައިލަމް ވަނީ އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލައިފަ އެވެ.

ނަދީމަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.