07 May 2018, 16:24
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިއެއްގެ ގޮތުގައި މ. ވޭވަށް، ފެހިފާރުދާގެ އަޝްރަގް ނާޒިރު ހޮވިއްޖެ އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވި އޮޑިޝަންގައި 33 މީހަކު ބައިވެރިވާން ފޯމް ހުށަހެޅި ނަމަވެސް، އޮޑިޝަނަށް އައީ އެންމެ އަށް ބައިވެރިން ކަމަށެވެ.
އެގޮތުން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ ބައިވެރިއަކަށް، އަޝްރަގް ހޮވުނީ އޮޑިޝަންގައި ބައިވެރިވެ، ކިޔެވި މީހުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދައިގެން ކަމަށް އެ މަރުކަޒުން ބުނެ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ބެޗްލާސް އޮފް ޓީޗިން ޤުރުއާން ކިޔަވަމުންދާ އަޝްރަގަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ރަށު ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ޤުރުއާނުން ރަށު ފެންވަރުގެ މަތީ ވަނަތައް ހާސިލް ކޮށްފައިވާ މީހެކެވެ.
އޭނާ އެންމެ ފުރަތަމަ ގައުމީ ޤުރުއާން މުބާރާތެއްގައި ވާދަކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. އެ އަހަރު ކާމިޔާބެއް ނުލިބި ދިޔަ ނަމަވެސް ޖެހިގެން އައި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވާދަކުރި ކޮންމެ އުމުރު ފުރާއަކުން އަޝްރަގް ވަނީ އެއްވަނަ ހާސިލް ކޮށްފަ އެވެ.
އޭގެ އިތުރުން 2012 ވަނަ އަހަރު އަޝްރަގް ވަނީ މެލޭޝިއާގައި ބޭއްވި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ވެސް ރާއްޖެ ތަމްސީލް ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، "އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ މަހުގެ 11 އިން 17 އަށެވެ. މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތަކެވެ.
އެގޮތުން ރާއްޖެއާ އެކު އެ މުބާރާތުގައި އިންޑޮނޭޝިއާ، ސްރީ ލަންކާ، ޔޫއޭއީ، ތުރުކީވިލާތް، މިސްރު، ޕާކިސްތާން، މެލޭޝިއާ، ސައުދީ އަރަބިޔާ، ސޫދާން އަދި ބަނގުލަދޭޝް އިން ވާދަކުރާއިރު، ފަނޑިޔާރުކަން ކުރާނީ މިސްރު، ސައުދީ އަރަބިއާ، ޕާކިސްތާން އަދި ރާއްޖޭގެ ފަނޑިޔާރުން ހިމެނޭ ފުންނާބުއުސް ޕެނަލަކުންނެވެ.
އެ މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ، 30،000 ޑޮލަރެވެ.
އަދި ދެވަނަ އަށްދާ ބައިވެރިއަކަށް 15،000 ޑޮލަރު ހުށަހަޅާފައިވާއިރު، ތިން ވަނަ އަށް ދޭން ނިންމާފައި ވަނީ 5000 ޑޮލަރެވެ. ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.