07 May 2018, 13:00
ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މައުލޫމާތާއި ސިޓީ ފޮނުވަން ގާއިމުކޮށްފައިވާ ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހުކުމް އިއްވުން މާދަމައަށް ތާވަލުކޮށްފި އެވެ.
މައްސަލާގެ އަޑުއެހުންތައް އިއްޔެ ނިންމާލުމަށް ފަހު މިއަދު ބޭއްވީ ހުލާސާ ބަޔާން އިއްވުމެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލަމުން ގާޒީ ހައިލަމް ވިދާޅުވީ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލު ކުރާނެ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ހެކިވެރިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ. އަދި ދިފާއުގައި ހުށަހެޅި އެއް ހެކިވެރިއެއްގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.
ބައެއް ހެކިން ބުނެފައި ވަނީ ޖެމްސް ސިސްޓަމް ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް މާދަމާ ހުކުމް ސާބިތު ވެއްޖެ ނަމަ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ގެއްލޭނެ އެވެ. އެއީ ދާދި ފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ފަނޑިޔާރެއްގެ މައްޗަށް ދައުވާއެއް ދަށު ކޯޓަކުން ސާބިތުވާ ހިސާބުން ފެށިގެން މަގާމު ގެއްލޭނެ އެވެ.
އެމައްސަލައިގެ އިތުރުން ވެސް އިތުރު ދެ ދައުވާއެއް އުއްތަމަ ފަނޑިރުގެ މައްޗަށް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދެ އެވެ.