07 May 2018, 12:55
ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް ޔުމްނާ މައުމޫނު ޕޮލިހަށް ހާޒިރުވާން އަންގާފައި ވާތީ މާދަމަ އަށް ތަހުގީގު ފަސްކޮށްދިނުމަށް އެދިވަޑައިގެންފި އެވެ.
އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ޔުމްނާ ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއަދު ހަތަރެއް ޖަހާއިރު ޕޮލިހަށް ހާޒިރުވާން އަންގާފައިވާ އެންގުމެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް މިދުވަސްވަރު ޔުމްނާގެ އެންމެ ކުޑަ ދަރިފުޅު ބަލަހައްޓަނީ އެކަނި ކަމުން މިއަދަށް ދަރިފުޅު ބެލުމަށް މީހަކު އިންތިޒާމު ކުރެވުން ދަތި ކަމަކަށް ވަތީ މާދަމާއަށް ހާޒިރުވާން ޖެހޭ ގޮތަށް ފަސްކޮށް ދިނުމަށް ވަނީ އެދިފަ އެވެ.
"އަދި އަޅުގަނޑުގެ ދޮށީ ދަރިފުޅު މިރޭ މާލެ އަންނާތީ އަޅުގަނޑު ފުލުހަށް ހާޒިރުވާން އަށެއް މޭއަށް ހައްދަވައިދެއްވުން އެދެން،" ޔުމްނާގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާއަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން ޔުމްނާ ފުލުހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ ފުުލުހަށް ހާޒިރުވާން އަންގާފައިވާ އިރު ހަމަ އެ ތުހުމަތުގައި އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.