07 May 2018, 11:46
ކާބުލް(މޭ 7): އަފްޣާނިސްތާނުގެ ޚޫސްތުގައި ހުންނަ ޔާގޫބީ މިސްކިތަށް އިއްޔެ ބޮމުގެ ހަމަލާއެއްދީ 14 މީހަކު މަރާލައިފިއެވެ.
އަފްޣާނިސްތާނުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެހަމަލާ ދީފައި ވަނީ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރެއްގެ ގޮތުގައި މިސްކިތް ބޭނުން ކުރަމުން ދަނިކޮށެވެ. އަދި އެހަމަލާ ދިނީ ނަމާދު ކުރުމަށާއި ވޯޓުލާން ރެޖިސްޓާ ކުރުމަށް މީހުން އެއްވެފައިވާ ދަނޑިވަޅެއްގައެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެއެވެ. އަދި ތާލިބާނުގެ ތަރުޖަމާނަކު ވަނީ އެއީ އެޖަމާއަތާ ގުޅުން ހުރި ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ.
އަފްޣާނިސްތާނުގެ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ. އެ އިންތިހާބާ ދިމާކޮށް ގައުމުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރުތަކަށް މީގެ ކުރިންވެސް ހަމަލާތައް ދީފައިވެއެވެ.
އެގޮތުން މިދިޔަ މަހު ކާބުލްގައި ހުރި ސެންޓަރަކަށް ދިން ބޮމުގެ ހަމަލާއެއްގައި 63 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެހަމަލާގެ ޒިންމާ ނަގައިފައެވެ. (އަލްޖަޒީރާ)