ވެނީލާގެ އަގު ދުވަހަކު މައްޗަށް ނުދާހާ ވަރަށް އުފުލިފައިވާތީ، އައިސްކްރީމް އުފައްދާމީހުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ހަބަރުތައް ބުނާގޮތުން ވެނީލާ ކިލޯއެއް މިހާރު އުޅެނީ 600 ޑޮލަރަށެވެ. މިއީ ރިހީގެ އަގަށްވުރެވެސް ބޮޑު އަގެއް ކަމަށް ހަބަރުތައް ބުނެއެވެ.

އިނގިރޭސިވިލާތުގައި އައިސްކްރީމް އުފައްދައި އެ ވިއްކުމުގެ ވިޔަފާރިކުރާ އާއިލާއަކުން ބުނީ އެމީހުންގެ ވިޔަފާރީގައި ހަފްތާ އަކު ފަސް ޓަނުގެ އައިސްކްރީމް އުފައްދާ ކަމަށެވެ. އަދި 40 އަށް ވުރެ ގިނަ އައިސްކްރީމް ފްލޭވާގައި ވެނީލާ ބޭނުން ކުރާ ކަމަށާއި ވެނީލާގެ އަގު ބޮޑުވުމާއެކު، ކުރިން ވެނީލާ ގަތުމަށް ހޭދަކުރާ ވަރަށްވުރެ 30 ގުނަ އިތުރަށް މިހާރު ހޭދަކުރަންޖެހޭ ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ވެނީލާގެ އަގު އުފުލޭނެކަމަށް ލަފާކުރެވޭތީ ބައެއް ވިޔަފާރިތަކުން މިހާރު ދަނީ، ބޮޑު އަދަދަކަށް ވެނީލާ ގަނެ، ސްޓޮކް ކުރަމުންނެވެ.

އައިސްކްރީމް އާއި ޕޭސްޓްރީ އަދި ފޮނިކާތަކެތި އުފައްދައި އަދި ވިއްކާ ބައެއް ތަންތަނުން މިހާރު ދަނީ މެނޫއިން ވެނީލާ އެކުލެވޭ ބައެއް އުފެއްދުންތައް އުނި ކުރަމުންނެވެ.

ވެނީލާގެ އަގުމައްޗަށް ދަނީ އެންމެ ގިނަ އަދަދަކަށް ވެނީލާ ހައްދާ މަޑަގަސްގަރައަށް ވިއްސާރަވެ، ވެނީލާ ދަނޑުތަކަށް ގެއްލުން ލިބުމުންނެވެ. ވެނީލާ ސަޕްލައިގެ 75 ޕަސެންޓް ސަޕްލައި ކުރަނީ މަޑަގަސްކަރަ އިންނެވެ.

ސެފްރޮން އަށް ފަހު ދުނިޔޭގައި އެންމެ އަގުބޮޑުު ސްޕައިސް އަކީ ވެސް ވެނީލާއެވެ.