ސެންޓިޔާގޯ (ސެޕްޓެމްބަރ 4) : ވީނުވީ ގޮތެއް ނޭންގި ގެއްލިފައިވާ ޗިލީގެ ޢަސްކަރީ މަތިންދާބޯޓު ވެއްޓިފައިވާ ކަމަށާއި އެއިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ މަރުވެފައިވާ ހަށިތައްވެސް ފެނިއްޖެކަން އެޤައުމުން ހާމަކޮށްފިއެވެ.
ޗިލީގެ ވައިގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވިގޮތުގައި މި ހަތަރު މީހުންގެ ހަށިތަކާއި ވެއްޓުނު ބޯޓުގެ ބައިތައް ފެނިފައިވަނީ ޗިލީގެ ޖަޒީރާ ރައްތަކެއް ކަމަށްވާ ޚުވާން ފަރުނާންޑޭޒްއާ ކައިރީ ހިސާބެއްގައި ޕެސިފިކް ކަނޑުންނެވެ. ޗިލީގެ ދިފާޢީ ވަޒީރު އެންޑްރެސް އަލަމެންޑް ތަންކޮޅެއް ކުރިން ވިދާޅުވެފައިވަނީ ޗިލީގެ ޢަސްކަރީ ކާރގޯ ބޯޓެއް ކަމަށްވާ ކާޒާ 212 މަރުކާގެ މަތިންދާބޯޓެއް އެތެރޭގެ ދަތުރެއްގައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ގެއްލިފައިވާތީ އެބޯޓު ވެއްޓިފައިވާ ކަމަށް ލަފާކުރެވޭ ކަމުގައެވެ.
ގެއްލުނު ބޯޓު، ޗިލީގެ ޖަޒީރާ ރައްތަކެއް ކަމަށްވާ ޚުވާން ފަރުނާންޑޭޒްއާ ކައިރީ ހިސާބަކަށް ވެއްޓިފައިވާ ކަމަށް ބެލެވިފައިވާ ކަމަށް އަލަމެންޑް އިއްޔެ ވިދާޅުވެފައިވެއެވެ. އެކާވީސް މީހުންނާ އެކު ދަތުރުކުރި އެބޯޓު ޚުވާން ފަރުނާންޑޭޒް ޖަޒީރާގައިވާ އެއަރޕޯޓެއްގައި ޖެއްސުމަށް ދެފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެއީ ފަންނީ މައްސަލައަކާ ގުޅިގެންކަމަށް ބެލެވޭ ކަމަށް ޗިލީގެ ވައިގެ ސިފައިންގެ ވެރިޔާ ކުރިން ވިދާޅުވެފައިވެއެވެ.
ޗިލީގެ ޢަސްކަރީ ބޯޓުން ދަތުރުކުރި 21 މީހުންގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި ފަޅުވެރިއަކާއި 18 ފަސިންޖަރުން ކަމަށް ޗިލީގެ ވައިގެ ދިފާޢާބެހޭ ކޮމާންޑުން ބުނެފައިވެއެވެ. (ރޮއިޓާސް)