ކަރަން ޖޯހަރަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު/ޕްރޮޑިއުސަރެވެ. ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށް، ދަރްމާ ޕްރޮޑަކްޝަންސްގެ ބެނާގެ ދަށުން ކަރަން އަންނަނީ ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކުރަމުންނެވެ.

ކުޗް ކުޗް ހޯތާ ހޭ (1998)، ކަބީ ޚުޝީ ކަބީ ޣަމް (2001)، ކަލް ހޯ ނަ ހޯ (2003)، ކަބީ އަލްވިދާ ނާ ކެހެނާ (2006)، ދޯސްތާނާ (2008) އަދި ވޭކް އަޕް ސިޑް (2008) ފަދަ ފިލްމުތަކަކީ ކުރިޓީކުންނާއި ބެލުންތެރިންގެ ތަރުހީބު ލިބުނު ފިލްމުތަކެވެ.

ޑައިރެކްޓު ކުރުމާއި ޕްރޮޑިއުސް ކުރުމުގެ ދާއިރާގައި ކަރަން ވަނީ އޭނާގެ ކުޅަދާނަކަން ސާބިތުކޮށްދީފައެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި ކަރަންއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއެވެ.

ކުރީގެ ބައެއް ފިލްމުތަކުން ކަރަން ފެނިގެން ދިޔައިރު، ފަހުގެ އަހަރުތަކުގައި ރިލީޒް ކުރި "ބޮމްބޭ ވެލްވެޓް" އަދި "ވެލްކަމް ޓު ނިއުޔޯކް" ފަދަ ފިލްމުތަކުގައި ވެސް ކެމެރާގެ ކުރިމަތިން އޭނާ ފެނިގެން ދިޔައެވެ.

އެ ދެ ފިލްމު ވެސް ބޮކްސް އޮފީހުގައި ފްލޮޕް ވީއެވެ. އަދި ކަރަން ވެސް މިވަނީ އޭނާ އަކީ "ފްލޮޕް" އެކްޓަރެއް ކަމަށް ގަބޫލު ކުރާކަމަށް ބުނެފައެވެ.

ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އޭނާ އަކީ ފްލޮޕް އެކްޓަރެއް ކަމަށާއި، ކެމެރާގެ ކުރިމަތީގައި އޭނާއަށް ކާމިޔާބީ ނުހޯދޭނެ ކަމަށެވެ.

އެހެންކަމުން އެއްވެސް ޑައިރެކްޓަރަކު، ފިލްމަކަށް އޭނާ ކާސްޓު ކުރަން ހެޔޮނުވާނެ ކަމަށް ކަރަން ބުންޏެވެ. ނަމަވެސް ފިލްމެއްގައި ޚާއްސަ ފެނިލުމެއް ކުޅެން ކަރަން ހުރީ ތައްޔާރަށެވެ.

ކަރަން ޖޯހަރު އަކީ ބޮލީވުޑަށް އާ މީހުން ތައާރަފުކޮށް، އެމީހުންނަށް ފިލްމީ ދާއިރާގައި ރަނގަޅު ކެރިއަރެއް ހޯދައިދޭން އެންމެ ބުރަ މަސައްކަތް ކުރާ އެއް ޑައިރެކްޓަރެވެ.

މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އާލިއާ ބަޓް، ވަރުން ދަވާން އަދި ސިދާތު މަލޯތުރާ އަކީ ކަރަންގެ ދަރިވަރުންކަން ފާހަގަކޮށްލެވެއެވެ.