މި މަހު އަށަކުން 19 ވަނަ ދުވަހާ ހަމައަށް ފްރާންސްގެ ކާންސްގައި ފަށާ ކާންސް ފިލްމު ފެސްޓިވަލްގައި ޕާކިސްތާނު އަދި ބޮލީވުޑްގެ ބަތަލާ މާހިރާ ހާން ވެސް ބައިވެރިވާނެ ކަމަށް އޭނާ ބުނެފިއެވެ.

ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ޓްވިޓާ އެކައުންޓްގައި ހާމަކޮށްފައެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މާހިރާ އެ ފެސްޓިވަލްގައި ބައިވެރިވާނީ ލޯރިއާލް ބްރޭންޑް އެމްބަސަޑަރެއްގެ ގޮތުގައި ކަމަށެވެ. ފިލްމު "ރައީސް" އިން ޝާހްރުކް އާ އެކީ ބޮލީވުޑަށް ތައާރަފްވި ބަތަލާ މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑް އަކީ އެއް އިރެއްގައި ވެސް ޓާގެޓެއް ނޫން ކަމަށާއި، އަބަދުވެސް އިސްކަން ދެނީ ޕާކިސްތާން ފިލްމު އިންޑަސްޓްރީއަށް ކަމަށެވެ.

މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި މާހިރާ ބައިވެރިވާއިރު ބޮލީވުޑްގެ ބައެއް ތަރިންވެސް އެ ފެސްޓިވަލްގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. ބަތަލާ ކަންގަނާ ވެސް ފެސްޓިވަލްގައި ބައިވެރިވާއިރު ސައުދީ އަރަބިއާއިން ވެސް އެ ފެސްޓިވަލްގައި މިއަހަރު ފުރަތަމަ ފަހަރަށް ބައިވެރިވާނެއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 71 ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުން ވަނީ މަނާ ކޮށްފައެވެ. ޑިރެކްޓަރު ތިއެރީ ފްރެމޯކްސް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ މި އަހަރުގެ ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެގޮތަށް ނިންމީ މީހުންގެ ވަގުތު ސަލާމަތް ކުރުމަށް ކަމަށެވެ.