07 May 2018, 09:14
އަންނަ މެއި މަހުގެ 18 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޑެޑްޕޫލް 2"ގެ ހިންދީ ވާޝަނަށް އަޑުއަޅަނީ ކާމިޔާބު އެކްޓަރު ރަންވީރު ސިންގ ކަމަށް ފޮކްސް ސްޓާ ސްޓޫޑިއޯޒް އިން ބުނެފިއެވެ.
މާވެލް އެންޓަޓެއިންމަންޓުން ގެނެސްދޭ "ޑެޑްޕޫލް 2" ހިންދީ ބަހުން ޑަބްކޮށްގެން އިންޑިއާގައި ދައްކަނީ ފޮކްސް ސްޓާ އިންޑިއާ އިންނެވެ.
އެ ސްޓޫޑިއޯ އިން ބުނީ "ޑެޑްޕޫލް" އަކީ ވަރަށް މަޖާ، ކޮމިކް ޓައިމިން މޮޅު ކެރެކްޓާއެއް ކަމަށާއި، ފިލްމު ހިންދީ ބަހުން ޑަބް ކުރަން ބޭނުންވަނީ އެފަދަ މީހެއް ކަމަށެވެ.
އަދި ރަންވީރަކީ އެފަދަ ކެރެކްޓަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާ ލައްވައި ފިލްމު ޑަބް ކުރަން ނިންމީ އެހެންވެ ކަމަށެވެ.
ހިންދީ ބަހުން ފިލްމު މިހާރު ޑަބްކޮށް ނިންމައިފައި ވާއިރު، ފިލްމަށް އޭ ސެޓްފިކެޓެއް ވަނީ ލިބިފައެވެ. އަދި މިއަދު ފިލްމުގެ އޮފިޝަލް ހިންދީ ޓްރެއިލާ ވެސް އާންމު ކުރާނެއެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމު ކުރިތާ ދެތިން ދުވަހެއްގެ ތެރޭގައި، ހިންދީ ބަހުން ޑަބް ކޮށްފައިވާ ޓްރެއިލާއެއް ވެސް ވަނީ ރިލީޒް ކޮށްފައެވެ. އެ ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ.
ރަޔަން ރޭނޮލްޑްސް ޓައިޓްލް ރޯލުން ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ފިލްމުގެ ސީކުއެލް އަށް އެއަށް ވުރެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.