އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގު ތާވަލުގެ ހަތަރު ވަނައިގައި ވިކްޓަރީން ފުރަތަމަ ބުރު ނިންމާލި އިރު، ޔޫވީން އެ ބުރު ނިންމާލީ ހަތް ވަނައިގައެވެ. ފުރަތަމަ ބުރުގައި ޔޫވީން ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓްތައް ނެގި ނަމަވެސް ފަހުން ޕޮއިންޓެއް ނެގޭ ގޮތެއް ނުވިއެވެ. އެއާ ހިލާފަށް ވިކްޓަރީގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް އެޓީމު ވަނީ މުހިންމު ޕޮއިންޓްތަކެއް ނަގައިފައެވެ. ހާއްސަކޮށް ފުރަތަމަ ބުރުގައި ވިކްޓަރީ ކުޅުނު އެންމެފަހު މެޗުގައި އެޓީމު ވަނީ ގަދަފަދަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ މިރޭގެ މެޗަކީ ބޮޑު މެޗެއް ކަމަށާއި، މެޗަށް ނުކުންނަ އިރު ޔޫވީއާ ދޭތެރޭ ސަމާލުވާނެ ކަމަށެވެ.

"ޔުނައިޓެޑް ވިކްޓަރީއަކީ ކޮންމެ މެޗަކުވެސް މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު ޓީމެއް. ފުރަތަމަ ބުރުގައި އެންމެ މެޗެއް ދަށްކޮށް އެޓީމު ކުޅުނީ. އެއީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު" ކިސް ބުންޏެވެ.

ކިސް ބުނީ ޓީމުގެ ސްކޮޑުން އޭނާއަށް މިރޭގެ މެޗަށް ލިބެނީ މަދު ކުޅުންތެރިން ކަމަށާއި، އަނިޔާގެ މައްސަލައާއި ސަސްޕެންޝަންގެ މައްސަލަ ޓީމަށް ބޮޑު ކަމަށެވެ. ހާއްސަކޮށް ޓީމުގެ އެންމެ މުހިންމު ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ)ވެސް ހުރީ އަނިޔާގައި ކަމަށް ކިސް ބުންޏެވެ.

ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކިސް އިތުރަށް ބުނީ ފުރަތަމަ ބުރުގެ ބައެއް ނަތީޖާތަކާ މެދު ހިތްހަަމަ ޖެހޭ ކަމަށާއި، ދިމާވި އެންމެ ބޮޑު މައްސަލައަކީ ރެފްރީންގެ މައްސަލަ ކަމަށެވެ.

"ފުރަތަމަ ބުރުގައި ބައެއް ނަތީޖާތައް ރަނގަޅު. އެންމެ ބޮޑު މައްސަލައަކީ ރެފްރީންގެ މައްސަލަ. ޓީސީ، ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސްއަށް ރެފްރީ އެހީވި. އެންމެފަހުން ނިއުއާއި ވިކްޓަރީ ކުޅުނު މެޗުގައިވެސް ވިކްޓަރީއާ ދެކޮޅަށް އަށް ފައުލް ދެއްކި. އެކަމަކު ނިއުއިން އެ ފައުލް ކުރި އެންމެ ދެ ފަހަރު ދެއްކީ،" ކިސް ބުންޏެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ބުރުގެ މެޗުން މޮޅުވެފައި އޮތަސް، މިރޭގެ މެޗުން އެކަމަށް ތަފާތެއް ނާއްނާނެ ކަމަށެވެ.

"މީ ހަމަ މުޅިން ތަފާތު މެޗެއް. މި މެޗުގައި މާޒީގައި ދިޔަ ކަންކަން ނުހިނގަފާނެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ކަމެއް އޮވޭ. އެއީ ތަފާތުކޮށް ކަމެއް ކޮށްގެން ތަފާތު ނަތީޖާއެއް ނެރެވޭނީ. އެހެންވީމަ މި މެޗުވެސް ބަލާނީ އެގޮތަށް،" ނަޒީހު ބުންޏެވެ.

މިދިޔަ ބުރުގެ ފުރަތަމަ ދެ މެޗުން މޮޅުވެ، ފަހުން އެކަން ތަކުރާރު ނުވީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކުރުމުން ނަޒީހު ބުނީ އެކަމަށް ދޭނެ ސީދާ ޖަވާބެއް ނޭނގޭ ކަމަށެވެ.

"އަޅުގަނޑަކަށްވެސް ނޭނގެ ވީ ގޮތެއް. ވިކްޓަރީން މި ނިންމާލީ ރަނގަޅު ނަތީޖާތަކެއް ނެރެގެން. އަޅުގަނޑުމެން ފޯމް ރަނގަޅު ނަތީޖާތައް ނުނެރެވެނީ. ކުޅުމަށް ބަލާ އިރު، ހަމަ ވަރަށް ރަނގަޅަށް ކުޅެ ނިންމާލީ މެޗުތައް. އެކަމަކު ނަތީޖާއެއް ނުނެރެވުނު. އަޅުގަނޑަށް ސާފު ނުވެގެން މިއުޅެނީ، ގްރީން ސްޓްރީޓްސް މެޗު ފިޔަވައި ދެން ކުޅުނު ހުރިހާ މެޗެއްވެސް ވަރަށް ރަނގަޅަށް ކުޅެ، ނަތީޖާ ނުނެރެވުނު ސަބަބު. ރަނގަޅަށް ވިސްނާލާ އިރު، މި ވާ ގޮތަކީ މެޗުގެ ފަހުކޮޅުގައި ލާން ޖެހޭ އިންޕުޓް ލާނެ ކުޅުންތެރިއަކު ބޭރުން އަރުވާ ނުލެވެނީ. މެޗުގެ އެއް ހާފް ނުނިމެނީސް އެބަ ޖެހޭ ބިދޭސީ ކުޅުންތެރިން ބަދަލު ކުރަން. އަޅުގަނޑު ޔަގީނުންވެސް މާދަމާ އެ ގޯހެއް ނަހަދާނަން،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މިިއީ ޑިސައިޑިން މެޗަކަށް ވާނެ ކަމަށާއި، ވިކްޓަރީއަކީ ފުރަތަމަ ބުރުގައި ހަތަރު ވަނައަށް ދިޔަ ޓީމު ކަމަށް ވުމުން، ވިކްޓަރީއާއި ޔޫވީއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގަކަށް އައިސްފިއްޔާ ގަދަ ހަތަރެއް އުނދަގޫވާނެ ކަމަށެވެ. އަދި ގަދަ ހަތަރަކީ އޭނާގެ އަމިއްލަ ޓާގެޓަށްވީ އިރު، ބޮޑަށް ވިސްނާނީ ގަދަ ހަޔަކަށް ކަމަށްވެސް ނަޒީހު ބުންޏެވެ.

ޔޫވީއާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައެވެ.