07 May 2018, 09:05
އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ކުޅުން އިއްޔެ ފެށިފައިވާ އިރު، ކްލަބު ގްރީން ސްޓްރީޓްސްއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވެސް ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ މިއަދު ހަވީރުއެވެ.
ފުރަތަމަ ބުރުގައި ނިއުއާއި ގްރީން ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ ފުރަތަމަ ބުރުގައި ގްރީނަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ. ފުރަތަމަ ބުރުގެ އެއްވަނައިގައި ނިއު ނިންމާލި އިރު، ގްރީން އޮތީ ހަވަނައިގައެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުވެސް ގްރީންއަށް ވަރުގަދަ ޓެސްޓަކަށް ވާނެއެވެ. މިވަގުތު ލީގުގެ އެއްވަނައިގައި އޮތް ނިއުއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭގޮތުން ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ދެވަނަ ބުރު ފެށި ނަމަވެސް ޓާގެޓަށް ބަދަލެއް ނާންނަ ކަމަށެވެ.
"ދެވަނަ ބުރަށް ކުރިމަތިލާއިރުވެސް ގްރީންގެ އެންމެ ބޮޑު ޓާގެޓަކީ ހަމަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން. އެހެން ކަމަށްވާނަ އެބަ ޖެހޭ އެންމެ މަދުވެގެންވެސް ހަ ޕޮއިންޓް ވަރު ނަގަން. ދެވަނަ ބުރުގެ އެންމެ ފުރަތަމަ މެޗުވެސް މި ޖެހެނީ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން. އެހެންވީމަ އެގޮތަށް ބަލާ އިރު، ގްރީންއަށް އަނެއްކާވެސް ވަރަށް ވަރުގަދަ ކުރިމަތިލުމަކުން ދެވަނަ ބުރު ފަށަން ޖެހުން މިއީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ލީގުގެ ފުރަތަމަ ބުރުގައި ނިއުއާ ދެކޮޅަށް ކުޅުނު ދުވަހަކީ ގްރީންގެ އެންމެ މޮޅު ދުވަސް ނޫން ކަމަށާއި، އެ ނަތީޖާއަށްވުރެ މާދަމާ މެޗުގައި ގްރީން ރަނގަޅުވާނެ ކަމަށެވެ.
"އެ ދުވަހަކީ ގްރީންގެ ވަރަށް ދަށް ދުވަހެއް. އަދި ސަސްޕެންޝަނާ އިންޖަރީގެ ސަބަބުން ގްރީންގެ ދެ ކުޅުންތެރިއަކު ވަރު ނުވެސް ކުޅެވުނު. އެހެންވީމަ އެކަހަލަ އުނދަގޫ ހާލަތެއްގައި އޭރު އޮތީ. އެކަމަކު އެއަށްވުރެ މިމެޗުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ގްރީންއިން އުންމީދު ކުރަން،" ސުޒޭން ފާހަގަކުރިއެވެ.
މެޗަށް ނުކުންނަ އިރު، ނިއުގެ އެންމެ ބޮޑު ހިތްވަރަކީ ލޯކަލް ލީގާއި އޭއެފްސީ ކަޕްގައިވެސް ރަނގަޅު ފޯމެއްގައި އޮތުމެވެ. ހާއްސަކޮށް ނިއުގެ ފޯވަޑް ލައިން ފާހަގަކުރެވެނީ ހިފަހައްޓަން ވަރަށް އުނދަގޫ ފޯވަޑް ލައިނެއްގެ ގޮތުގައެވެ.
"މި ސަރަހައްދުގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމުތައް، ބެންގަލޫރު އެފްސީއާއި އައިޒޯލް ކަހަލަ ޓީމުތަކަށްވެސް މިއުޅެނީ ނިއު ރޭޑިއަންޓް ނުހިފެހެއްޓިގެން. އެހެންވީމަ ގްރީންއަށްވެސް އޭގެ ހުންނާނެ އުނދަގޫތަކެއް. އެހެން ބުނީމަ ބައެއް މީހުން އެބަ ދައްކާ ވިކްޓަރީ އަތުން ނިއު ބަލިވެފައި އޮތް ވާހަކަ. ކަމެއްވެފައި އޮވެދާނެ. އެހެން ނަމަވެސް ހަގީގަތަކީ ގޯލް ޖަހައި ރޭޓަށް ބަލާ އިރު، ނިއުގައި އެ އޮތީ ވަރަށް ރަނގަޅު އެޓޭކިން ފޯސްއެއް،" ނިއުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނާ ގުޅޭގޮތުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މާލޭ ލީގުގައި ކޮންމެހެން ވިސްނާނީ މަތީ މަގާމުތަކުގައި އޮތުން ނޫން ކަމަށާއި، ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކަމަށެވެ. އަދި ލީގުގެ ކަންކަން އޮންނަ ގޮތުން އެ ނޫން އެހެން ޓާގެޓަކަށް ގިނަ ކްލަބުތަކުން ނުވިސްނާ ކަމަށްވެސް ސުޒޭން ބުންޏެވެ.
ގްރީންއާއި ނިއު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.