04 Sep 2011, 09:15
ވިއެނާ (ސެޕްޓެމްބަރ 4) : އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން އިންޓަރނޭޝަނަލް އެޓަމިކް އެޖެންސީ (އައިއޭއީއޭ) އިން މިދިޔަ ހުކުރު ދުވަހު ނެރުނު ރިޕޯޓަށް އީރާނުގެ ސަރުކާރުން މަރްޙަބާ ކިޔައިފި އެވެ.
އިންޓަރނޭޝަނަލް އެޓަމިކް އެޖެންސީ އަށް ކަނޑައަޅާފައިވާ އީރާނުގެ މަންދޫބު ޢަލީ އަސްޣަރު ސުލްތާނިޔާ ވިދާޅުވީ އައި.އޭ.އީ.އޭ. ގެ ރިޕޯޓުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ މަދަނީ ނިއުކްލިޔަރ ޕްރޮގްރާމެއްކަން ހާމާވާ ކަމަށާއި އެޕްރޮގްރާމާމެދު ހުޅނގުންކުރާ ތުހުމަތުތަކުގެ ދޮގުކަންވެސް އެ ރިޕޯޓުން ހާމަވާ ކަމުގައެެވެ.
އިންޓަރނޭޝަނަލް އެޓަމިކް އެޖެންސީގެ ރިޕޯޓް ބުނާގޮތުން އީރާން ދާދިފަހުންވަނީ ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ ޒަމާނީ އާލާތްތަކެއް އެޤައުމުގެ ރަށެއްކަމަށްވާ ޤުމް ގައިވާ މަރުކަޒެއްގެ ބިމުގެ އަޑީގައި ހަރުކޮށްފައެވެ. މިއީ ނިއުކްލިޔަރ ފިއުލްފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ޤާބިލްކަމާއި ނިއުކްލިޔަރ ފިސީލް މެޓީރިއަލް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޒަމާނީ މެޝިންތަކެއް ކަމަށްވެސް އެ ރިޕޯޓް ބުނެއެވެ.
މީގެއިތުރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާމެދު ކުރެވޭ ޝައްކުތައް ފިލުވާލުމަށް އީރާނުން މާބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށްވެސް އެ ރިޕޯޓްބުނެއެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްމާބެހޭގޮތުން އިތުރު ޝައްކުތައް އުފެދޭ ބާވަތުގެ އިތުރު ވާހަކަތައް އެ ރިޕޯޓްގައި މަދެވެ. އަދި ޔޫރޭނިޔަމް ފައްކާކުރުމަށް އީރާން ބޭނުންކުރާ ޒަމާނީ އާލާތްތައް ބޭނުންކުރަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކަމަށް އައި.އޭ.އީ.އޭ. ގެ ރިޕޯޓް ގައި ބުނެފައިނުވާ ކަމަށް ޚަބަރު ލިބެއެވެ.
އީރާނުންވަނީ 20 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާނެ ކަމާއި މަދަނީ ކަންކަމުގައި ބޭނުންކުރުމަށް ފައްކާކުރި ޔޫރޭނިޔަމް ބޭރުގެ އެއްވެސް ޤައުމަކުން އިންޕޯޓްކުރަން ބޭނުންނުވާކަން ހާމަކޮށްފައެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއްކަމަށް ހުޅަނގުން ބުނަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އީރާން ބުނެއެވެ.
އެމެރިކާއާއި ޔޫރަޕްގެ މިތުހުމަތު ތަކަކީ ޢިރާޤަށް އަރައިގަތުމަށްޓަކައި އެޤައުމުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ހެއްދެވިފަދަ ބުހުތާން ދޮގުތައް ކަމަށް އީރާނުން ބުނެއެވެ. (އަލްޖަޒީރާ+އަލްޢާލަމް)