ދިހަ ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައެއް ކުޅުނު ބާސެލޯނާއިން، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.

ރޭ ކޭމްޕް ނޯގައި ރެއާލްއާއި ބާސެލޯނާ ކުޅުނު ސްޕެނިޝް ލީގުގެ މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ބާސާއަށް ލީގު ޗެމްޕިއަންކަން ޔަގީންވެފައި އޮތް އިރު، ރޭގެ މެޗު ބާސާއަށް މުހިއްމުވީ އެޓީމުން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދެމެހެއްޓުމަށެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުންވެސް ބާސާ ބަލިވެފައި ނުވާ އިރު، ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ޓީމުގެ ރެކޯޑުވެސް އޮތީ ބާސާ އަތުގައެވެ.

ރެއާލް މެޑްރިޑާއި ބާސާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލީގުގައި ބާސާއަށް އަދި ތިން މެޗު އޮތް އިރު، ބަލިނުވެ ލީގު ތަށި އުފުލާލައިފި ނަމަ، ބާސާ ވެގެންދާނީ ސްޕެއިންގެ ތާރީހުގައި ބަލިނުވެ ލީގު ތަށި އުފުލާލި ހަމައެކަނި ޓީމަށެވެ.

މިސީޒަންގެ ފަހު އެލްކްލެސިކޯ ރޭ ކުޅުނު އިރު، އެ މެޗު ވެގެންދިޔައީ ގިނަ ފައުލްތަކެއް ފެނިގެންދިޔަ ވާދަވެރި މެޗަކަށެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، ބާސެލޯނާގެ ސާޖިއޯ ރޮބާޓޯއަށް ރެފްރީ ސީދާ ރަތް ކާޑު ދެއްކީ ބޯޅަ ނެތި މާސެލޯ ގައިގައި ޖެހުމުންނެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ބާސާއިން ލުއިސް ޝުއަރޭޒްގެ ގޯލާއެކު ލީޑު ނެގި ނަމަވެސް، 14 ވަނަ މިނެޓުގައި ރެއާލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑީ ވަނީ ގޯލް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ގޯލް ޖަހަން އުޅުމުގެ ތެރޭގައި ރޮނާލްޑޯއަށް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށް ފާހަގަކުރެވިފައިވާ އިރު، ރެއާލްއިން ދެވަނަ ހާފަށް ނުކުތީ އޭނާގެ ބަދަލުގައި މާކޯ އެސެންސިއޯއާ އެކުގައެވެ.

ރެއާލް މެޑްރިޑާއި ބާސާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފަށް ނުކުމެ، މެޗުގެ 52 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ލިއޮނަލް މެސީއެވެ. މެސީއަށް ގޯލް ތަނަވަސްކޮށްދިނީ ފުރަތަމަ ގޯލް ޖެހި ޝުއަރޭޒެވެ. ބާސާއިން މޮޅަކާ ދިމާއަށް ދަނިކޮށް ރެއާލްއިން ނަތީޖާ ހަމަހަމަކުރީ ވޭލްސްގެ ފޯވަޑް ގެރެތު ބޭލްގެ ގޯލުންނެވެ.

ރޭގެ މެޗަކީ ބާސެލޯނާގެ ލެޖެންޑް އިނިއެސްޓާގެ ފަހު އެލް ކްލެސިކޯ މެޗެކެވެ. މިސީޒަން ނިމުމަށްފަހު ބާސާ ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ އިނިއެސްޓާއަށް މިއަހަރަކީ އޭނާ ބާސާގައި ހޭދަކުރާ 16 ވަނަ އަހަރެވެ.

ރެއާލް މެޑްރިޑާއި ބާސާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިމަހުގެ ފަހުކޮޅުގައި ރެއާލްއިން ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ އިރު، މިސީޒަންގެ ލޯކަލް ދެ މުބާރާތްވެސް ކާމިޔާބުކުރީ ބާސާއެވެ. ޗެމްޕިއަންސް ލީގުން ބާސާ ކެޓީ ކުއާޓާ ފައިނަލްގައި ރޯމާ އަތްދަށުވެގެންނެވެ.