ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ރައީސުލްޖުމްހުރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ޔުމްނާ އަށް ފޮނުވާފައިވާ "ހާޒިރުވުމަށް އަންގާ ޗިޓު"ގައި ބުނެފައިވާ ގޮތުން ޔުމްނާ ހާޒިރުވާން ޖެހެނީ މާދަމާ ހަވީރު 4:30 ގަ އެވެ.

އެ އަމުރުގައިވާ ގޮތުން ޔުމްނާގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު، އޭނާގެ ފިރިކަލުން މުހައްމަދު ނަދީމާއި އަދި ބައްޕާފުޅު މައުމޫންގެ މައްޗަށް ވަނީ އެ ތުހުމަތުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މައުމޫންގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލުމަށް ޝަރީއަތުގެ މަޖިލީހުގައި މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.