07 May 2018, 00:01
"ހެސްކިޔާފަ" ނަމުގައި ސަރުކާރު ހިންގާ ޕީޕީއެމް އިން ބާއްވާ ޖަލްސާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމި ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރެއަށް މިހާރު ފަސްކޮށްފައިވާ ކަމަށެެވެ.
ޕީޕީއެމްގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ އެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި ޕާޓީގެ ކަންކަން ފޯރީގައި ކުރިއަށް ގެންދިޔުމަށް ބާއްވާ ޚާއްސަ އެއްވުމެއް ކަމަށެވެ.
"މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އަދި ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ އިސްވެރިން އަދި މަޖިލިސް މެމްބަރުން ބައިވެރިވެޑައިގަންނަވާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެ ޖަލްސާގައި ކުންފުނިތަކުގެ ވެރިންނާއި އެ ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން އަދި ސަރުކާރުގެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށެވެ.
އެ ޖަލްސާއާ ގުޅޭ ގޮތުން އިވެންޓް ކޮމިޓީގެ ޗެއާމަން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޖަލްސާ ގެންދާނީ ވަރަށް ކުރުކޮށް ކަމަށާއި އަދި ރައީސް ބައިވެރިވާ ޖަލްސާއެއް ކަމަށްވާތީ ހުރިހާ ބޭފުޅުންނަށްވެސް ފަސޭހައިން ވަދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.