07 May 2018, 00:03
އެސްޓީއޯ މާލޭ ލީގުގައި ފަސޭހަ ކަމާއެކު ކްލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ފުރަތަމަ ބުރުވެސް ލީގު ތާވަލްގެ ދެވަނައިގައި އޮވެ ނިންމާލި މާޒިޔާއިން މިރޭގެ މެޗުގައި ތާވަލުގެ ފުލުގައި އޮތް ވެލެންސިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. މިއީ އެ ދެ ޓީމުވެސް ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ.
މިރޭގެ މެޗުގައި މާޒިޔާގެ ކެޕްޓަން އަސްދުﷲ އަބްދުﷲވެސް ވަނީ ކުޅެން ނުކުމެ ގޯލް ޖަހައިފައެވެ. އަސަދުﷲ މިރޭގެ މެޗަށް ނުކުމެފައިވަނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީ ހަދައި، އެ ސާޖަރީން ރިކަވާ ވެގެންނެވެ. މެޗަށް ނުކުތުމުގެ ކުރިން އަސަދުﷲ އެންމެފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޯގަސްޓް މަހު ދިވެހި ޕްރިމިއާ ލީގުގައެވެ.
މާޒިޔާއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މާޒިޔާއިންނެވެ. މެޗުގެ ކުރީ ކޮޅުގައި ވެލެންސިއާއިން ފަހަތަށް ޖެހި މާޒިޔާގެ އެޓޭކް ވަރަށް ބޮޑަށް ހުއްޓުވި ނަމަވެސް، މެޗުގެ 36 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލީޑު ނަގައިފައެވެ.
ނާއިޒް ހަސަން (ދާދު)ގެ ކޯނަރު ގޯލަށް ވަނީ ވެލެންސިއާގެ ޑިފެންޑަރު މޫސަ ހަސަންގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. އެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް މާޒިޔާއިން ލީޑު ފުޅާކުރިއެވެ. ވެލެންސިއާގެ ވާތް ފަޅިން ޑިފެންޑަރު ނައްޓާލުމަށްފަހު ދާދު ނަގައިދިން ހުރަސް އިސްމާއީލް އީސަ (މެސީ) ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވައްދާލީ އާދަމް ނާސިހު (އާދަންނާ) އެވެ.
ދެވަނަ ހާފްވެސް މާޒިޔާއިން ފެށީ ވަރުގަދަކޮށެވެ. އެ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ މާޒިޔާއިންނެވެ.
އެގޮތުން ހާފްގެ ކުރީ ކޮޅުގައި ދާދުގެ ދެ ހަމަލާއެއް ފުލު ފުލުގައި ފެނިގެން ދިޔައެވެ. އެ ދެހަމަލާގެވެސް ހުރަހަކަށްވީ ވެލެންސިއާގެ ޖަޕާން ކީޕަރު ޖުން ކޮޗީއެވެ. އެޓޭކް ކޮށްގެން ކުޅެމުން ދިޔަ މާޒިޔާއިން މެޗުގެ 53 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. ވެލެންސިއާގެ ދެ ޑިފެންޑަރު ނައްޓާލުމަށްފަހު ވަރަށް ފަސޭހައިން ބޯޅަ ގޯލަށް ފޮނުވާލައިގެން މާޒިޔާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހާއުއެވެ.
މާޒިޔާއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ 72 ވަނަ މިނެޓުގައި ޝަހާއުގެ ބަދަލުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ ކުޅެން ނުކުމެފައިވާ އިރު، ދާދުގެ ހުރަހުން އޭނާ ގޯލް ޖެހީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މާޒިޔާގެ ފަސްވަނަ ގޯލް، މެޗުގެ 81 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެސީއެވެ. ވެލެންސިއާގެ ޑިފެންޑަރު ނައްޓާލުމަށްފަހު މެސީ، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ވަރަށް ރީތިކޮށް ބަލައިލައިފައެވެ.
މިރޭ ހޯދި މޮޅާއެކު މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން 16 ޕޮއިންޓާއެކު މާޒިޔާ އޮތީ ދެވަނައިގައެވެ. މިހާތަނަށް ލީގުގައި މޮޅެއް ނުލިބި ވެލެންސިއާ އޮތީ ތާވަލުގެ ފުލުގައެވެ. އަށް މެޗުން އެޓީމަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.
މާލޭ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ.