އިނގިރޭސި ޕްރިމިއާލީގުގެ ތަށި، މެންޗެސްޓާ ސިޓީން މިރޭ އުފުލާލައިފިއެވެ.

މީގެ ތިން ހަފްތާ ކުރިން މެންޗެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ ޗެމްޕިއަންކަން ޔަގީން ވެފައި އޮތް އިރު، ސިޓީއަށް އަދިވެސް ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ.

މިރޭ އަމިއްލަ ދަނޑުގައި ހަޑަލްސްފީލްޑް ޓައުންއާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށްފަހު އެޓީމުން ލީގު ތަށީ އުފުލާލި އިރު، އެ މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ސިޓީން ލީގު ތަށި އުފުލާލުމާއި އުފާފާޅުކުރުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސިޓީން މި ސީޒަނުގެ ލީގުގައި ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. ކުޅުނު 36 މެޗުން 94 ޕޮއިންޓް ސިޓީއަށް ލިބިފައިވާ އިރު، އެޓީމުގެ މިސްރާބު ހުރީ ގިނަ ރެކޯޑުތަކަކާއެކު ސީޒަން ނިންމާލުމަށެވެ. އެގޮތުން ސީޒަނެއްގައި އެންމެ ގިނަ މޮޅު ހޯދި ޓީމުގެ ރެކޯޑު ޓީމުގެ ރެކޯޑު ކުރިން ޗެލްސީ އަތުގައި އޮތީ 30 މެޗުން މޮޅުވެގެންނެވެ. ސިޓީއަށް ލީގުގައި ބާކީ ދެ މެޗު އޮތް އިރު، ސިޓީން ވަނީ މިހާރުވެސް އެ ރެކޯޑާ ހަމަކޮށްފައެވެ.

އަދި މިހާތަނަށް ސިޓީ ލީގުގައި ގޯލް ޖެހި އަދަދު ވަނީ 102 އަކަށް އަރައިފައެވެ. މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ 2009-10 ވަނަ އަހަރުގެ ސީޒަންގައި ޗެލްސީއެވެ. އެއީ 103 ގޯލެވެ. 36 މެޗުން 94 ޕޮއިންޓާއެކު އޮތް ސިޓީއަށް، ޕްރިމިއާ ލީގު ސީޒަނެއް އެންމެ ގިނަ ޕޮއިންޓާއެކު ކާމިޔާބުކުރި ޓީމުގެ ރެކޯޑުވެސް މުގުރާލުމަށް ފުރުސަތު ބޮޑެވެ. މީގެ ކުރިން އެ ރެކޯޑު އޮތީވެސް ޗެލްސީ އަތުގައެވެ. ޗެލްސީން 2004-05 ވަނަ އަހަރުގެ ސީޒަން ނެގީ 95 ޕޮއިންޓާ އެކުގައެވެ.

ސިޓީން ލީގު ތަށި އުފުލާލުމާއި އުފާފާޅުކުރުމުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ތަށްޓާއެކު މިރޭ ސިޓީން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، އެޓީމުވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އިނގެރޭސި އެންމެ މަތީ ފަންތީގެ ތަށި އުފުލާލައިފައެވެ. ފަހުގެ ތާރީހެއްގައި ސިޓީން ލީގު އުފުލާލައިފައި ވަނީ 2012 އަދި 2014ގެ އިތުރުން މިއަހަރުގައެވެ.

ސްޕެއިންގެ ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ސިޓީއާއެކު ހޭދަކުރި ފުރަތަމަ ސީޒަން ގާޑިއޯލާ ހުސްއަތާ ނިންމާލި ނަމަވެސް މި ސީޒަންގައި އޭނާ ވަނީ ލީގު ކަޕާއި ލީގުވެސް ކާމިޔާބުކޮށްފައެވެ.