ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީ "އުފެއްދުމުގެ ހުއްދަ އަށް އެދޭ 50 މީހުންގެ ސޮއި" ހޯދުމުގެ މަސައްކަތް ބަޔަކު ފަށައިފި އެވެ.

އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ 50 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް އަށް ހުށަހަޅަން ޖެހޭ ފޯމްތައް ފުރުމުގެ މަސައްކަތް ކުރީ މިއަދު މެންދުރު ފަހުން ފެށިގެން ރާނބާ ރެސްޓޯރަންޓްގަ އެވެ.

އެ މޫވްމަންޓުން ވާހަކަ ދެއްކެވި މުހައްމަދު ހުސެއިން ޝަރީފު ]މުންދު[ މިރޭ ވިދާޅުވީ އެ ބޭފުޅުން މިރޭ ކުރައްވާ މަސައްކަތަކީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ "50 މީހުންގެ" ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމުގެ މަސައްކަތް ކަމަށެވެ.

މި ރޭ ސަންގެ ނޫސްވެރިން ރާނބާ ރެސްޓޯރަންޓަށް ދިޔަ އިރު އެ 50 މީހުންގެ ލިސްޓްގައި ޖެހުމަށް ގިނަ ބަޔަކު ލައިންގައި ތިއްބެވި އެވެ. އޭގެ ތެރޭގައި ޑޮކްޓަރު އަބްދުއްސަމަދާއި އެ ނޫނަސް މުޖުތަމުގެ ތަފާތު ގިންތީގެ ބޭފުޅުން ތިއްބެވި ތަން ފެނުނެވެ.

އާ ޕާޓީ އުފެއްދުމުގެ މަސައްކަތް އިސްވެ ކުރައްވާ ޓީމުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވީ ޒައީމު މައުމޫން އާ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ، މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއަކުން އެ މަނިކުފާނުގެ އަރިޔަހުގައި އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.

ނިހާން ރައީސް މައުމޫނާ ހަވާލާދީ ވިދާޅުވީ އާ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ފެއްޓެވީ ވަކި މީހެއްގެ ފަހަތަށް ނޫނީ ވަކި މީހަކު ކުރިއަށް ނެރުމަށް ނޫން ކަމަށް" މައުމޫން އޭނާގެ އަރިހުގައި ވިދާޅުވި ކަމަށެވެ.

މުންދު ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އާ ޕާޓީ ރަސްމީކޮށް ފޯމް ކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފެއްޓޭ ވަރު ކުރެވޭތޯ ކަމަށެވެ.