ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ޒުވާނުންނަށް ޚާއްސަކޮށްގެން ހުޅުމާލެއިން ފްލެޓް ގަތުމަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފް ކޮށްފިއެވެ.

މިއަދު އެޗްޑީއެފްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެޗްޑީއެފްސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކްރެޑިޓް އައިޝަތު ރަޝީދާ ވިދާޅުވީ، "ޔޫތު ޕްރޮޑަކްޓް" ގެ ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ތައާރަފްކުރި އެ ސްކީމަށް 21 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެޗްޑީއެފްސީން އަލަށް ތައާރަފްކުރި އެ ލޯން ސްކީމްގެ ދަށުން ލޯން ދޫކުރަން ހަމަޖެހިފައިވަނީ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނުވާނެ އަދަދަކަށް ކަމަށް އައިޝަތު ވިދާޅުވިއެވެ. އަދި ލޯންގެ އިންޓްރެސްޓް ރޭޓްގެ ގޮތުގައި ހަމަޖައްސައިފަވަނީ 10.50 ޕަސެންޓް ކަމަށާއި 30 އަހަރު ދުވަހަށް ބަހާލައިގެން ލޯން ދެއްކޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ލޯން ސްކީމްގެ ދަށުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އެ ލޯން ސްކީމްގެ ދަށުން ފްލެޓް ގަންނަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ 15 ޕަސެންޓް ކަމަށްވެސް އައިޝަތު ވިދާޅުވިއެވެ. އެގޮތުން ލޯންގެ ގޮތުގައި ލިބިގެންދާނީ 85 ޕަސެންޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އާމުގޮތެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކުންވެސް ލޯން ޕްރޮޑަކްޓްތައް ހެދިފައި މި ހުންނައިރުގައި 20 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގެ އަދަދަކަށް އަމިއްލައަށް ހިއްސާވާން ޖެހޭ. އެހެންވީމަ އަޅުގަނަޑުމެން ޒުވާނުންނަށް އެފޯޑަބަލް ޕްރޮޑަކްޓަކަށް ހެދުމަށް އަމިއްލައަށް 15 ޕަސެންޓަށް ކުޑަކޮށްފައި މިހުރީ،" އައިޝަތު ވިދާޅުވިއެވެ.

އެޗްޑީއެފްސީން ބުނީ، އަލަށް ތައާރަފް ކުރި ސްކީމްގެ ދަށުން އާބާދީގެ ބޮޑުބައެއް ހިއްސާ ކުރާ ޒުވާނުންނަށް ބޯހިޔާވަހިކަށް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.