މި މަހުގެ 11 ވާ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް (21 ޖޫން)ގެ ނިޔަލަށް ރޭގަނޑު އެގާރަޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ
11 މެއި އިން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 11:00 ކަމަށެވެ.

މީގެ އިތުރުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭގަނޑު ސައި ހޮޓާ ރެސްޓޯރެންޓުތައް އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބަހައްޓަން ވާނީ އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދު ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިހާރު އަމަލުކުރާ ގަވާއިދުގައިވާ ގޮތުން ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދު ކުރަން ޖެހެ އެވެ. އަދި ކެފޭތަކާއި ހޮޓާ ރެސްޓޯރެންޓުތައް ބަންދު ކުރާ ގަޑިއަކީ ދަންވަރު 1 ޖަހާއިރު އެވެ.

ރާއްޖޭގައި ހިންގާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންް އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.