06 May 2018, 16:53
ސްރީލަންކާގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން ދަތުރުކޮށްފިއެވެ.
ފައިނަލުން ހިމްނާ ޖާގަ ހޯދީ އޭނާ ވާދަކުރި 200 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ވާދަކޮށް، ތިންވަނައިގައި ރޭސް ނިންމާލައިގެންނެވެ.
އެ ހީޓްގެ ތިންވަނައިގައި ހިމްނާ ނިންމާލީ 27.32 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ހީޓްގެ އެއްވަނަ ހޯދި ސްރީލަންކާގެ ޑީޓީ އަމާޝާ ޑި ސިލްވާ 25.08 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ދެވަނަ ހޯދި އިންޑިއާގެ ސުބާ ވެންކަޓެސަން ދުވުން ފުރިހަމަކުރީ 25.60 ސިކުންތުންނެވެ. އެ ހީޓުން ފައިނަލުގެ ޖާގަތައް ހޯދީ އެ ތިން ދުވުންތެރިންނެވެ.
ހިމްނާއާއެކު ހީޓް އެކެއްގެ ގަދަ ތިނެއްގައި ހިމެނުނު ދުވުންތެރިންގެ އިތުރުން ފައިނަލުގައި ދެން ވާދަކުރާނީ ހީޓް ދޭއްގެ ގަދަ ތިނެއްގައި ހިމެނުނު ދުވުންތެރިންނެވެ. ހީޓް ދޭއްގެ އެއްވަނަ ހޯދި ސްރީލަންކާގެ ޝަރްމީލާ ޖޭން 25.16 ސިކުންތުން ރޭސް ފުރިހަމަކުރި އިރު، ދެވަނަ ހޯދި ސްރީލަންކާގެ ޝެލިންޑާ ޖެންސަން ރޭސް ފުރިހަމަކުރީ 25.42 ސިކުންތުންނެވެ. އަދި ހީޓް ދޭއްގެ ތިންވަނަ ހޯދި އިންޑިއާގެ ރޮސަލިން ލެވިސް ރޭސް ފުރިހަމަކުރީ 27.02 ސިކުންތުންނެވެ. އެ އިވެންޓުގެ ފައިނަލް މިއަދު ކުރިއަށްދާނެއެވެ.
އެ މުބާރާތުގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވެސް ހިމްނާ ވަނީ ވާދަކޮށްފައެވެ. ފައިނަލުގައި ވާދަކޮށް ހިމްނާ ރޭސް ފުރިހަމަކުރީ ހަވަނައިގައެވެ. އެ އިވެންޓުން ރަން މެޑެލް ސްރީލަންކާގެ ކޭޖީޑީއެމް ޝަޔަމަލީ ކުމަރަސިންގެ ހޯދި އިރު، ރިހި މެޑެލް ހޯދީ އިންޑިއާގެ ސުބާ ވެންކަޓެސަންއެވެ. އަދި ލޯ މެޑެލް ހޯދީ އިންޑިއާގެ ރަޗްނާ ޖުޖާރެވެ.
އެ މުބާރާތުގައި ރާއްޖޭން ދަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. ރާއްޖޭން ވަނީ އެ މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފައެވެ. އެ މުބާރާތުގެ ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ނާއިލް ވާދަކުރި އިރު، އަންހެނުންގެ 1500 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ސަމްހާ މުހައްމަދު ވާދަކޮށްފައިވެއެވެ.
ލަންކާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް އެތުލީޓަކު ވާދަކުރާނެއެވެ.