ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއިީ މި ފެއާ ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ. މިދިޔަ މަހުގެ 30 އިން މިމަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއާގައި ޓުއަރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

ޓީޓީއެމް ފެއާގައި މިއަހަރު ފުރަތަމަ ފަހަރަށް ސަޕްލަޔަރުންގެ އެކްސްޕޯއެއްވެސް ވަނީ ބާއްްވައިފައެވެ. މި ފެއާގައި އެފް އެންޑް ބީ، ފައިނޭންސް، އެކައުންޓްސް އަދި އިންޖިނިއަރިން ދާއިރާގެ ފަރާތްތަކުން ބައިވެރިވިއެވެ.

ޓީޓީއެމް ފެއާގެ ތެރެއިން 4000 އަށް ވުރެ ގިނަ މިޓިންތައް ކުރިއަށް ގެންގޮސްފައިވާއިރު، 400 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ހޮޓެލިއާ ސަމިޓާއެކު ފެށި ޓީޓީއެމް ފެއާގެ ދަށުންވަނީ ވިޔަފާރި ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ. އަދި ގެޓްއަވޭޒް އަށާއި ޓީޓީއެމް ފެއާއަށް އެކި ގޮތް ގޮތުން އެހީތެރިކަން ދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޓީޓީއެމް ގާލާ ނައިޓްބާއްވައި ވަނީ އެވޯޑުވެސް ދީފައެވެ.