06 May 2018, 17:14
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮބްޒާވު ކުރުމަށް ލިބުނު ދައުވަތެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް މިއަދު މެލޭޝިއާއަށް ފުރާ ވަޑައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަކްރަމް ވިދާޅުވީ މި އިންތިހާބު އޮބްޒާވު ކުރުމުގައި ދުނިޔޭގެ ގައުމުތަކުގެ އިލެކްޝަން ކޮމިޝަން ތަކުން ހަރަކާތްތެރިވާނެ ކަމަށެވެ.
ރާއްޖެގެ އިތުރުން އިންޑޮނޭޝިއާ، ތައިލެންޑް، ޓިމޯ ލެސްޓޭ، ކެމްބޯޑިއާ، ކިރްގިސްތާން އަދި އަޒަރްބައިޖާން އިންވެސް މި އިންތިހާބު އޮބްޒާވް ކުރާނެއެވެ.
މި ދަތުރުގައި މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި، ދުނިޔޭގެ އެހެން ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
މެލޭޝިއާގެ އާންމު އިންތިހާބު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބުގައި ވޯޓު ލުމަށް 14.9 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އިންތިހާބު ބާއްވަނީ އެގައުމުގެ 13 ވަނަ ގާނޫނު ހަދާ މަޖިލިސް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އުވާލުމާ ގުޅިގެންނެެވެ.