06 May 2018, 23:20
ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން ފުލުހުން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގަށް ސިއްރުން ދިން ބަޔާންތައް ލީކުވި ނަމަވެސް އެވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމް މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލު މައުހުފޫޒު ސައީދު އެ ބަޔާންތަކުގެ ވާހަކަ ފެއްޓެވުމުން ގާޒީ ވިދާޅުވީ އެއީ ސިއްރު ބަޔާންތަކެއް ކަމަށާއ ޝަރީއަތުގެ މަޖިލީހުގައި އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.
ބަޔާންތައް ލީކުވި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ބަޔާންތަކުގައި ހިމެނިފައިވާ އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ބަޔާން ދިން މީހުންގެ ނަންވެސް ޝަރީއަތުގައި ނުކިޔޭނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގަށް އެކި މީހުން ދޮން 50 ހަށްވުރެ ގިން ބަޔާން ސޯޝިއަލް މީޑިއާގައި ވަނީ ލީކުވެފަ އެވެ. ބަޔާން ދިން މީހުންގެ ތެރޭގައި ބައެއް އެސްއޯ ފުލުހުންނާއި ދެ ގާޒީއެއްވެސް ހިމެނެ އެވެ.
ފުލުހުން ބުނެފައިވަނީ ބަޔާންތައް ލީކު ކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށެވެ. އަދި ބަޔާންތައް ލީކުކޮށްލާފައިވަނީ އިސް ބައެއްގެ ނުފޫޒުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.