ކޯޓު އަމުރެއް ނެރުމަކީ ޖިނާއީ ކުށެއް ނޫން ކަމަށާއި ކުށަށް ވަނީ ފަނޑިޔާރުގެ ނިޔަތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ދައުވާގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު މަހުފޫޒު ސައީދު ވަނީ އަމުރު ނެރުނު މައްސަލާގައި ދެ ފަނޑިޔާރުންނަށް ދައުވާކޮށް އަނެއް ތިން ފަނޑިޔާރުންނަށް ދައުވާ ނުކުރީ ކީއްވެތޯ ދައުލަތާ ސުވާލުކޮށްފައެވެ.

މަހުފޫޒުގެ ސުވާލަށް ޖަވާބުދެމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަނެއް ތިން ފަނޑިޔާރުން ރިޝްވަތު ހިފިކަން ހާމަވާ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ނުކުރުމާއި ދައުވާ ނުކުރުމާ ބެހޭ ގޮތުން މަހުފޫޒު ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ގާޒީ ހައިލަމް ވިދާޅުވީ، އަމުރުގައި ސޮއިކޮށްފައިވާ އަނެއް ތިން ފަނޑިޔާރުންގެ މައްސަލައެއް ތަހުގީގުކޮށްފައި ނުވާ ކަމަށެވެ. އަދި އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރަނީ އަމުރު ނެރުމުން ނޫން ކަމަށް ހައިލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމުރު ނެރުމަކީ ޖިނާއީ ކުށެއް ނޫން ކަމަށާއި އަމުރު ނެރުނު އިރު ފަނޑިޔާރުންގެ މޯޓިވް ހުރިގޮތަށް ބަލައި ހެކި ތަކެއް ފެނުމުން ދައުވާ ކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އަލީ ހަމީދު ވަނީ އަމުރު ނެރުނީ ކީއްވެގެން ކަން ކިޔައިދީފައެވެ. ކީރިތި ކުރައްވަމުން އަލީ ހަމީދު ވިދާޅުވީ އެ އަމުރު ނެރުމުގައި އެއްވެސް ނުބައި ނިޔަތެއް ނެތް ކަމަށެވެ. އަދި އަލުން ޝަރީއަތްތަކެއް ކުރިއަށް ގެންދަން އަމުރުގައި އެންގީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ކޯޓަށް ލިބެމުން ދިޔުމުން ޝައްކު އުފެދޭ ޝަރީއަތްތައް އަލުން ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން މަޝްވަރާކޮށްގެން ކަމަށްވެސް އަލީ ހަމީދު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ހިދުމަތް ކޮށްފައިވާއިރު ރިޝްވަތު ހިފައި ނުފޫޒުން އަމުރު ނެރުނުކަމަށް ދައުލަތުން ބުނާތީ ހިތާމަ ކުރާ ކަމަށް އަލީ ހަމީދު ވަނީ ވިދާޅުވެފައެވެ.