ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ކިޔުގައި ނުޖެހިވެސް ފޯމް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ފްލެޓުތަކަށް ފޯމު ދޫކުރަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ ފޯމް ދޫކުރުމަށް ކަނޑައަޅާފައިވާ ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ކިޔު ޖެހެން ފަށައިފައެވެ. ފޯމް ދޫކުރަން ފަށާފައިވަނީ މެންދުރުފަހު 14:00ގައެވެ.

ގިނަ ބަޔަކު އެގަޑީގައި ކިޔުގައި ޖެހުނު ނަމަވެސް އޮންލައިންކޮށް ފޯމް ލިބެން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

"އޮންލައިންކޮށް މިހާރު ފޯމް ލިބެން ހުންނާނެ،" ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފޯމް ދޫކުރަން ހާއްސަ އިންތިޒާމް ތަކެއް ހަމަޖައްސާފައިވާއިރު ކޮންމެ ގިންތި އަކުންވެސް ވަކިން ފޯމް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. ރަންނަބަނޑޭރި މާލަމުން ފޯމު ދޫކުރާނީ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށް އަދި ހަވީރު ހަތަރަކުން ހަޔަކަށް، ރޭގަނޑު އަށަކުން 11 އަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށްވެސް ފޯމް ދޫކުރާނެ ކަމަށެވެ. އަދި "ހިޔާ"ގެ ފުލެޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީީޚަކީ ޖުލައި މަހުގެ 31 ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޯމް ބަލައިގަންނަން ފަށާނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

ޖުމުލަ 17 ކެޓަގަރީ އަކުން ފްލެޓް ދޫކުރާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރިއާއި ދެ ކޮޓަރިއެވެ. ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތި ލެވޭނީ އެއް ކެޓަގަރީއަށް ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.