06 May 2018, 13:17
ސުޕްރީމް ކޯޓުގެ "ގަވަމެންޓް އީ ލެޓާ މެނޭޖްމެންޓް ސިސްޓަމް" (ޖެމްސް) ހުއްޓުމަކަށް އައިސްގެން އެކަން އަންގާފައި ނެތް ކަމަށާއި އެކަން އެނގުނީ މީޑިއާއިން ކަމަށް ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޖެމްސްގެ ހިދުމަތް ކަނޑާލާފައި ބަހައްޓަން އެންގި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގައި ކުރިއަށް ގޮސްފައި ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
ހެކިބަސް ދެއްވަމުން ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދު ވިދާޅުވީ ޖެމްސްގެ ހިދުމަތް މެދު ކެނޑުނުކަން އޭނާއަށް އެނގުނީ މީޑިއާއިން ކަމަށެވެ. އައިޓީ ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި ނަމަވެސް ޖެމްސްގެ ހިދުމަތް މެދުކެނޑިފައި ހުރިކަން އެއްވެސް މުވައްޒަފަކު އަންގާފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލުންވެސް ވަނީ ވަހީދާ ސުވާލު ކުރައްވާފައެވެ. އެގޮތުން ފެބުރުއަރީ ހަތަރެއް އަދި ފަހެއްގައި ވަޒީފާއަށް ނުކުތިންތޯ އެހިއެވެ. ޖަވާބުގައި ވަހީދު ވިދާޅުވީ އެ ދެ ދުވަހުވެސް އޮފީހަށް ނުކުތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލީހުގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަތައް ބަލައި ގަތުމާ މެދު ގޮތް ނިންމަނީ އުއްތަމަ ފަނޑިޔާރު ނޫން ކަމަށެވެ. އެއީ ކޯޓުގެ ލީގަލް ޑިޕާޓްމެންޓުން ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދި ކަމެއް ދިމާވެގެން ނުވަތަ މަޝްވަރާއެއް ކުރަން ވިޔަސް ވަކި ވަކި މުވައްޒަފުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވާކަން އެނގިފައި ނެތް ކަމަށް ވަހީދު ވިދާޅުވިއެވެ. ބައްދަލު ކުރައްވަނީ ޑިޕާޓްމެންޓްތަކުގެ ހެޑުންނާ ކަމަށްވެސް ވިދާޅުވިއެވެ.
މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އެ ކޯޓުގެ މުވައްޒަފަކު ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިބަސް ދީފައެވެ. ސިއްރުން ހެކިބަސް ދިން އެމީހާ ބުނީ ފެބުރުއަރީ ހަތަރެއް އަދި ފަހެއްގައި ޖެމްސްގެ ހިދުމަތް ކަނޑާލާފައި ބަހައްޓަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށެވެ.
އެ މައްސަލައިގެ ހެކިބަސް ނެގުމުގެ ބައި މިއަދު ވަނީ ނިންމާލާފައެވެ. މާދަމާގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ.