ދިއްލީ(މޭ 6): އިންޑިއާގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު ދިރިހުއްޓާ އަންދާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހުކުރު ދުވަހު އިންޑިއާގެ ޖަރުޚަންދު ސްޓޭޓުގައި އެކުއްޖާ ރޭޕްކޮށްފައި ވަނީ ދެމީހަކު ވެގެންނެވެ. އަދި އެކުއްޖާގެ މައިންބަފައިން އެމައްސަލަ އަވަށުގެ ކައުންސިލަށް ހުށަހެޅުމުން، އެކައުންސިލުން ރޭޕްކުރި މީހުންނަށް ދިން އަދަބަކީ 750 ޑޮލަރުގެ ޖޫރިމަނާއަކާއި 100 ސިޓް-އަޕްސް ހަދަން ޖެއްސުމެވެ.

އޭގެ ސަބަބުން ކުއްޖާއަށް ހަމަލާދިން ދެ މީހުން ވަނީ ކުއްޖާގެ މައިންބަފައިންނަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު، އަންހެން ކުއްޖާގެ ގެޔަށް ގޮސް އެކުއްޖާގެ ގައިގައި ރޯކޮށްލައިފައެވެ.

އިންޑިއާގެ އަވަށު ކައުންސިލްތަކަކީ ގާނޫނީ ގޮތުން ގިނަ ބާރުތަކެއް ލިބިފައިވާ ކައުންސިލްތަކެއް ނޫނެވެ. ނަމަވެސް އެގައުމުގެ އަގުބޮޑު ގާނޫނީ ނިޒާމުން އެހީ ހޯދުމުގެ ބަދަލުގައި އެފަދަ ކައުންސިލްތައް ލައްވައި މައްސަލަތައް ހައްލު ކުރުވުމަކީ ފަގީރު ސަރަހައްދުތަކުގައި އާއްމު ކަމެކެވެ.

އިންޑިއާގެ ފުލުހުން ވަނީ އެމައްސަލައިގައި ތުހުމަތު ކުރެވޭ 18 މީހުންގެ ތެރެއިން 15 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ހަމަ އެމައްސަލައާ ގުޅިގެން އަވަށު ކައުންސިލުގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ގާނޫނާ ހިލާފު އަމުރު ނެރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާގައި އެހާދިސާ ހިނގާފައި ވަނީ އެގައުމުގެ ދެ ކުޑަކުއްޖަކު އަނިޔާވެރި ގޮތަކަށް ރޭޕުކުރި މައްސަލަތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި އަށް އަހަރު މުސްލިމު ކުއްޖަކު ރޭޕުކުރި މައްސަލައެކެވެ. އަދި ދެވަނަ މައްސަލައަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މަަޖިލިސް މެމްބަރަކު 16 އަހަރުގެ ކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. (ހިންދުސްތާންޓައިމްސް)