06 May 2018, 12:51
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގެ ކުޅުން ފަށާނީ މިއަދުއެވެ.
ފުރަތަމަ ބުރު ނިމުނު އިރު، މެޗަކުން މޮޅުނުވެ، އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި ކްލަބު ވެލެންސިއާއިން އޮތް އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. މާޒިޔާއާއި ވެލެންސިއާ މިރޭގެ މެޗަށް ނުކުންނަ އިރު، އެ ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މިރޭ މާޒިޔާއާއި ވެލެންސިއާ ވާދަކުރާ މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލްލަތީފު (ލައްޗޭ) ބުނީ މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ނެގުމަށް ޓާގެޓްކޮށްގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެވަނަ ބުރަށް މި ތައްޔާރުވީ ވަރަށް ރަނގަޅަށް. ފުރަތަމަ ބުރުގެ މެޗުތަކުގެވެސް ޕޮއިންޓް ނުނެގި ހުރީމަ ފަހު ބުރުގައި ޕޮއިންޓް ނަގަން ތައްޔާރުވެގެން ނުކުންނާނީ،" ލައްޗޭ ބުންޏެވެ.
ލައްޗޭ ބުނީ ޓީމުގައި ސީނިއާ ކުޅުންތެރިން ނެތްތަން ދައްކާ ކަމަށާއި، އެހެން ނަމަވެސް ތިބި ކުޅުންތެރިންނާއެކު މިރޭގެ މެޗަށްވެސް ނުކުންނާނީ ތައްޔާރީތަކުގެ ބޭނުން ހިފުމަށް ކަމަށެވެ.
"އަސްލު ޓީމުގައި ސީނިއާ ކުޅުންތެރިން މަދުވުމަކީ މެޗުތައް ކުޅެން އުނދަގޫވާނެ ކަމެއް. ހާއްސަކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަ އިރު، ސީނިއާ ކުޅުންތެރިން ނެތުމަކަކީ ދަތިތައް ކުރިމަތިވާނެ ކަމެއް. އެހެން ނަމަވެސް ޓީމު މިހާރު އޮތީ ރަނގަޅަށް ތައްޔާރުވެފައި. ކޮމްބިނޭޝަނާ އެއްޗެއްސައް މަސައްކަތް ކުރެވިފައި. އެހެންވީމަ ކޮންމެ ފެންވަރެއްގެ ކުޅުންތެރިން ތިއްބަސް މެޗުތަކަށް ނުކުންނާނީ ޕޮއިންޓް ހޯދަން،" ލައްޗޭ ފާހަގަކުރިއެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެލެންސިއާއިން ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެ މެޗުގައި ވެލެންސިއާއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފައެވެ.
"މިހާރު އަސްލު ފެންވަރަކީ ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުން ކަމަށް މި ބަލަނީ. އަދި އެމެޗަށް ބަލައި ގޯސްތައް ހަނދާން ނައްތައިލައި ރަނގަޅު ކަންކަމުގައި ހިފައިގެން މާޒިޔާއާ ދެކޮޅަށް ނުކުންނާނީ،" ލައްޗޭ ބުންޏެވެ.
މިރޭގެ މެޗާ ގުޅިގެން މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ބުނީ ވެލެންސިއާއަކީ ތާވަލުގެ ފުލުގައި އޮތް ޓީމު ނަމަވެސް ފަސޭހަކޮށްނުލާނެ ކަމަށެވެ.
"އެއްވެސް ގޮތަކަށް ވެލެންސިއާއަކީ ފަސޭހަ ޓީމެއް ގޮތުގައެއް ނުނަގަން. ވަރަށް ސީރިއަސްކޮށް ތިން ޕޮއިންޓް ނަގަން ނުކުންނާނީ. ތާވަލުގައި އޮތް މަގާމަކަށް ނުބަލަން،" ސުޒޭރު ބުންޏެވެ.
މާޒިޔާގެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރާ، ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށް މިދިޔަ ސީޒަންގައި ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާގެ ފައިގެ ކަކުލުގެ ސާޖަރީއެއް ހަދައިފައިވެއެވެ. އަދި ސާޖަރީން ރިކަވާވެ މިހާރު އަސަދުﷲ ފަރިތަކުރުންތަކާ ގުޅިފައިވާ އިރު، މިރޭގެ މެޗުގައި އަސަދުﷲ ފެނުން ގާތް ކަމަށް ސުޒޭރު ބުންޏެވެ.
"އަސަދުﷲ ޕްރެކްޓިސްގައި އެހެން ކުޅުންތެރިންނެކޭ އެއްވަރަށް 100 ޕަސެންޓް ބައިވެރިވަމުންދަނީ. މި މެޗުގައި އަސަދުﷲ ފެނުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. އަސަދުﷲ އެނބުރި އަންނަ ހިސާބުން ފެއްޓިގެން ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ވަރަށް ރަނގަޅު ހިތްވަރެއް ލިބިގެންދާނެ. ދެން އޭނާ ޓީމާ ގުޅޭ ހިސާބުން ޓީމުގެ ފޯމޭޝަން، ކުޅޭ ޕޮޒިޝަންތަކަށް ބަދަލުތަކެއް އަންނާނެ،" ސުޒޭރު ބުންޏެވެ.
ސުޒޭރު ބުނީ މާލޭގެ ލީގުގެ އެންމެ މުހިއްމު ކަމަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފއިވުން ކަމަށާއި، ވިސްނާނީ ވީހާވެސް އަވަހަށް ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކަމަށެވެ.
މާޒިޔާއާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައެވެ.