06 May 2018, 12:48
ދުބާއީ(މޭ 6): ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ފިލައިގެން ދާން މަސައްކަތް ކުރި ޕްރިންސެސް، ޝެއިޚާ ލަތީފާއަށްވީ ގޮތް ހާމަ ކުރަން ހިއުމަން ރައިޓްސް ވޮޗް އިން ދުބާއީއަށް ގޮވާލައިފިއެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމްގެ ދަރިކަނބަލުން ލަތީފާ އެގައުމުން ފިލައިގެން ދާން މަސައްކަތް ކުރީ ފެބްރުއަރީ މަހުގައެވެ. އެމަސައްކަތުގައި ފްރާންސުގެ ކުރީގެ ޖާސޫސަކާއި ފިންލޭންޑުގެ މާޝަލް އާޓްސް އިންސްޓްރަކްޓަރަކު ވަނީ އެހީތެރިވެފައި ކަމަށް ބީބީސީން ބުނެ އެވެ.
އަދި އެމީހުން ޔޮޓެއްގައި އިންޑިއާއަށް ދާން މަސައްކަތް ކުރި ނަމަވެސް، މާޗް މަހު ޔޫއޭއީގެ ސިފައިން ވަނީ އެޔޮޓަށް އަރައި، ލަތީފާ ހައްޔަރުކޮށްގެން ގެންގޮސްފައި ކަމަށް އޭނާއަށް އެހީތެރިވި ފަރާތްތަކުން ބުންޏެވެ. އޭގެ ފަހުން ލަތީފާ ވަނީ ދުބާއީއަށް ގެންގޮސްފައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް، ފާއިތުވި ދެ މަސްތެރޭ ލަތީފާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުންޏެވެ.
"ލަތީފާ ހުރި ތަނަކާއި އޭނާގެ ހާލަތު ބުނެ ނުދީފި ނަމަ އެއީ ގަސްތުގައި އޭނާ ގެއްލުވާލުން ކަމުގައި ބެލެވިދާނެ،" ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ގާނޫނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ 'ޑީޓެއިންޑް އިން ދުބާއީ' އިން ވަނީ ލަތީފާ ފިލަން މަސައްކަތް ކުރުމުގެ ކުރިން ރިކޯޑު ކުރުމަށް ފަހު ފޮނުވި ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯގައި ލަތީފާ ވަނީ 'ގިނަ އަދަދެއްގެ މީހުންގެ މަރުގެ ފަހަތުގައި ވަނީ ޝެއިހް މަޚްތޫމް' ކަމަށާއި މީގެ ކުރިން ޝެއިހް މަޚްތޫމް ވަނީ އޭނާ އާއި އޭނާގެ ދައްތަ ޖަލަށް ލައި، އަނިޔާކޮށްފައި ކަމަށް ބުނެފައެވެ.
ދުބާއީން ވަނީ ގާނޫނީ ސަބަބުތަކާ ހެދި ލަތީފާއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ބުނެފައެވެ. (ބީބީސީ)