ނަރުހުން ތަމްރީން ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރު ކުރަމުން އަންނަ ކަމަށާއި އެ ނަރުހުންނަށް ދޭ ތަމްރީނަކީ މި ސަރަހައްދުގައި ވެސް ދެވޭ ރަނގަޅު ތަމްރީނެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލާއި ގައުމީ ޔުނިވާސިޓީ އާ ވެވުނު އެއްބަސްވުމުގައި ސޮއިކޮށް ވާހަކަފުޅުދައްކަވަމުން ފަވާޒް ވިދާޅުވީ ނަރުހުން ތަމްރީންކޮށް ވަޒީފާއަށް ނެރޭ އިރު ހަދަން ޖެހޭ ޓެސްޓު ކޮންމެ ނަރުހެއް ވެސް ހަދަން ޖެހޭ ކަމަށާއި އެ ޓެސްޓުން ފާސްވެގެން ނޫނީ ނާސިން ލައިސެންސް އެއް ނުލިބޭނެ ކަމަށެވެ.

"އެ އެގްޒާމްތަކަކީ އޮންލައިންކޮށް ހެދޭނެ އެއްޗެއް. ރަށުގައި ތިބޭ މީހުން މާލެ ނައިސް އެ އެގްޒާމް ހެދޭނެ،" އޭނާ ވިދާޅުވިއެވެ.

ފަވާޒް ވިދާޅުވީ ޔުނިވާސިޓީގައި ނާސިންގެ ހަތަރު އިންޓޭކް އަކު ކުދިން ނަގަމުން އަންނަ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާސިން ކައުންސިލްގެ ރައީސާ މަރިޔަމް ޝަފީގް ވިދާޅުވީ ނަރުހުން ހަދަމުންދާ އެ ޓެސްޓު މޮޑަރޭޓް ކުރަމުން އަންނަ ކަމަށާއި އަދި ކޮންމެ ނަރުހަކަށް ވެސް އެ ޓެސްޓުން ފާސްވާން މަޖުބޫރު ކަމަށެވެ.

"ދިވެހި ނަރުހެއް ނަމަ އެބަ ޖެހޭ ލައިސެންސް ތިން އަހަރުން އެއް ފަހަރު އާ ކުރަން. ބޭރު ނަރުހެއް ނަމަ ދެ އަހަރުން،" އޭނާ ވިދާޅުވިއެވެ.