ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސިއްހީ ހާލަތު ގޯސްވެ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ރޭ ދޫނިދޫއަށް ވަޑައިގެންފިއެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލަތު ސީރިއަސްވެ އަބަދުވެސް ކައިރީ މީހަކު ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އާއިލާއާ ވަކީލުން ދަނީ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދެމުންނެވެ.

ރައީސް މައުމޫނު އޮފީހުގެ ބޭފުޅަކު މިއަދު 'ސަން' އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ރައީސް މައުމޫނުގެ ހާލުކޮޅު ސީރިއަސްވެ އަނބިކަނބަލުން ނަސްރީނާ ދޫނިދޫއަށް ވަޑައިގަންނަވަން ފުލުހުން އެންގުމުން ވަޑައިގެންނެވި ކަމަށެވެ.

އަދި ރޭ ދޫނިދޫއަށް ވަޑައިގެން ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ރައީސް މައުމޫނު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމެއް ފުލުހުން ހަމަޖައްސާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ބުނީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ސިއްހީ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ. އަދި ނަސްރީނާ ރޭ ދޫނިދުއަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކައަށްވެސް ފުލުހުން ބަހެއް ނުބުނެ އެވެ.

ރައީސް މައުމޫނުގެ ވަކީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިއްހީ ހާލަތު ގޯސްވެ ރައީސް މައުމޫނު ވެއްޓިވަޑައިގަތުމުގެ ބިރު އެބައޮތް ކަމަށާއި އަބަދުވެސް ކައިރީ މީހަކު ބެހެއްޓުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ. އަދި ސިއްހީ ހާލަތު ގޯސްވެ ކަމެއް ދިމާވުމުގެ ކުރިން ރައީސް މައުމޫނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުވެސް ވަނީ އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ގެއްލުން ނުވާ ގޮތަށް ރައީސް މައުމޫނު ގޭ ބަންދަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި ރައީސް މައުމޫނާ ގުޅޭ ގޮތުން އަމަލު ކުރައްވަމުން ގެންދަވަނީ މީގެ ކުރިން ވެރިން ކަން ކުރައްވާފައިވާ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.

ދާދިފަހުން ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެފައިވަނީ ގޭ ބަންދަށް ބަދަލު ނުކުރެވިގެން އުޅެނީ ހެކި ފޮރުވަން މަސައްކަތް ކުރާތީ ކަމަށެވެ. ރައީސް ޔާމީން ފާހަގަ ކުރެއްވީ ތަހުގީގަށް ރައީސް މައުމޫނުގެ ފޯނު ނުދެއްވި ވާހަކައެވެ.

ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއާއި އަދި އިތުރު ދައުވާއެއްވެސް އުފުލައިފައެވެ. އެ ދެ މައްސަލައިގެ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް ދެއެވެ.