06 May 2018, 11:25
އެންތަނީ ރުސޯ އަދި ޖޯއީ ރުސޯ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "އެވެންޖާސް އިންފިނިޓީ ވޯ" ޕްރިމިއާ ކުރިތާ 11 ދުވަސް ތެރޭ އެއް ބިލިއަން ޑޮލަރު ލިބިއްޖެއެވެ.
އެއާއެކު އެވެންޖާސް ވެފައި މިވަނީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމަށެވެ. ޑިޒްނީގެ "ސްޓާ ވޯޒް: ދަ ފޯސް އަވޭކެންސް" އަށް 12 ދުވަސްތެރޭ ވަނީ ބިލިއަން ޑޮލަރު ލިބިފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެވެންޖާސް ދައްކަމުން އަންނައިރު އެ ފިލްމުވެފައިވަނީ އެއް ބިިލިއަންގެ އާމްދަނީ މިހާތަނަށް ލިބުނު 34 ވަނަ ފިލްމަށެވެ.
މާވެލް ސްޓޫޑިއޯއިން ތައްޔާރުކޮށް ގެނެސްދިން އެ ފިލްމުގެ އޯޕަނިން އަށް ވަނީ 250 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިހާތަނަށް ފިލްމެއްގެ އޯޕަނިން އަކަށް ވެސް އެންމެ ގިނަ އާމްދަނީ ލިބުނު ފަހަރެވެ.
އެ ފިލްމު އުފައްދާފައި ވަނީ 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ ބަޖެޓަކުންނެވެ. މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދިން އެ ފިލްމަކީ މާވެލް އިން ގެނެސްދިން އެންމެ ބޮޑު ފިލްމެވެ.
ސްޕައިޑާ މޭން، ތޯރް، ހަލްކް، އަޔަން މޭން، ކެޕްޓަން އެމެރިކާ، ބްލެކް ޕެންތާ، ބްލެކް ވިޑޯ ފަދަ ތަރިން މި ފިލްމުން ފެނިގެން ދިޔައެވެ.