އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އަލްބިއޮން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި އިރު، ވެސްޓް ބްރޮމްވިޗް އަލްބިއޮން އަތުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކޮށް، ބްރައިޓަންއިން ވަނީ އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ވެސް ކަށަވަރުކޮށްފައެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒާއި ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ކުޅެފައެއް ނުވެއެވެ.

މެޗުން ބަލިވި ޔުނައިޓެޑް އޮތީ ކުޅުނު 36 މެޗުން ލިބުނު 77 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި އެ މެޗުން މޮޅުވި ބްރައިޓަން އޮތީ ކުޅުނު 36 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ގޯލަށް ބްރައިޓަންއިން ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ހޯސޭ އިޒްކޭޑޯ ފޮނުވާލި ހަމަލާއާއި މެޗުގެ 19 ވަނަ މިނެޓުގައި ގްލެން މަރޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންގެ ގޯލަށް ޔުނައިޓެޑުގެ ކުޅުންތެރިންނަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ބްރައިޓަންއިން ޖެހި ލަނޑު ފެނިގެންދިޔައީ 57 ވަނަ މިނެޓުގައެވެ. އިޒްކޭޑޯ ނަގައިދިން ހުރަހަކުން ބްރައިޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ޕަސްކަލް ގްރޮސްއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ގްރޮސް ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ޑިފެންޑަރު މާކޮސް ރޮހޯ ދިފާއުކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ދެއްކީ އޭނާ އެ ބޯޅަ ދިފާއުކުރީ ގޯލުގެ ލައިނުން އެތެރެއަށް ބޯޅަ ވަން ފަހުން ކަމަށެވެ.

އެ ލަނޑަށްފަހު އިތުރު ހިތްވަރަކާއެކު ކުޅެމުންދިޔަ ބަރައިޓަންގެ ގޯލަށް، މެޗުގެ 72 ވަނަ މިނެޓުގައި ޔުނައިޓެޑުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ބްރައިޓަންގެ ގޯލާ 25 ޔާޑު ދުރުން ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑު ފޮނުވާލި ހަމަލާ، ބްރައިޓަންގެ ކީޕަރު މެތިއު ރަޔަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެސްޓް ބްރޮމް މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުންދާ ވެސްޓް ބްރޮމްއިން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ ނަތީޖާއާއެކު ވެސްޓް ބްރޮމްއަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގައެއް ހޯދުމުގެ ހަނި ފުރުސަތެއް އޮންނާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓޮޓެންހަމްއަށެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ކޭން ފޮނުވާލި ހަމަލާ، ވެސްޓް ބްރޮމްގެ ކީޕަރު ބެން ފޮސްޓާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ވެސްޓް ބްރޮމްއިން ޖެހި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ވެސްޓް ބްރޮމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޓޮޓެންހަމްގެ ކުރީގެ މިޑްފީލްޑަރު ޖޭކް ލިވާމޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނަރެއްގެ ތެރެއިން ކްރެއިގް ޑޯސަން ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް ކުޅުނު 36 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ޗެލްސީއަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. މިރޭ ލިވަޕޫލް އަތުން ޗެލްސީ މޮޅުވެއްޖެ ނަމަ، ޓޮޓެންހަމްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްލެވޭނެއެވެ. ރޭގެ މެޗުން މޮޅުވި ވެސްޓް ބްރޮމް އޮތީ ކުޅުނު 37 މެޗުން ލިބުނު 31 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.