އިތުރު ގަޑީގެ މައްސަލާގައި ހަޅުތާލުކޮށް، ވަޒީފާ ދޫކޮށްލި ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން އެނބުރި މަސައްކަތަށް ނުކުމެ މަސައްކަތް ފަށައިފި އެވެ.

ވޭމަންޑޫ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ގަޒުމާ އަބްދުﷲ މިއަދު ވިދާޅުވީ ހަޅުތާލު ކުރި މީހުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުންނަށް ފެށީ އެ މީހުންގެ ހުށަހެޅުންތަކަށް ދޫދީގެން ނޫން ކަމަށާއި އެ މީހުން އަމިއްލަ އަށް މަސައްކަތަށް ނުކުތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތަށް ނުނިކުތީ އެ މީހުން ގެއިން ނުކުންނަ ވަގުތުން ފެށިގެން އިތުރު ގަޑި ނުގުނާތީ ކަމަށާއި އެ ގޮތަށް އިތުރު ގަޑީގެ ފައިސާ ދެމުން އައިސް އެކަމަށް ހެލްތު ކޯޕަރޭޝަނުން ކޮންޓްރޯލު ގެނެސް، އިތުރު ގަޑި ފެށޭ ހިސާބަކީ ހޮސްޕިޓަލަށް އައިސް މަސައްކަތް ކުރާ ހިސާބުން ކަމަށް ހަމަޖެއްސުމުން ކަމަށެވެ.

ގަޒުމާ ވިދާޅުވީ އެ ހޮސްޕިޓަލުގެ 24 މުވައްޒަފަކު އެއްފަހަރާ ވަޒީފާ އިން ވަކިވުމަށް އެދުމުން އެ އެންމެން ވަޒީފާ އިން ވަކިކުރި ކަމަށާއި އަލުން ވަޒީފާ ދިނީ ވެސް އެ މީހުން އެދިގެން ކަމަށެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހުން މަސައްކަތަށް ނުކުތީ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާހިދު ޗުއްޓީ ނިންމުމަށް ފަހު ވަޑައިގެން އެ މައްސަލަ އަށް ކޮންމެ ވެސް ހައްލެއް ގެންނަވާނެ ކަމުގެ އުންމީދުގައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝާހިދު މިވަގުތު ހުންނެވީ ޗުއްޓީއެއްގައި އުމުރާ އަށް ވަޑައިގެން ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.