ކުރީގެ އިންޑިއާ އެއާ ފޯސްގެ ޕައިލެޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް މަހޭޝް މަތާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ސެލިއުޓް" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު ފަށާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

"ސެލިއުޓް" ގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ޚާން އެވެ. ޝާހު މިހާރު ކުރަމުން އަންނަނީ އާނަންދު އެލް ރާއީގެ ފިލްމު "ޒީރޯ"ގެ މަސައްކަތެވެ.

އެ ފިލްމުގައި ޝާހު ފެނިގެން ދާނީ ޑްވޯފް އެއްގެ ރޯލުންނެވެ. ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާ ވެސް ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު 21 ގައެވެ.

"ޒީރޯ" ގެ މަސައްކަތް ނިމުމާ އެކު ޝާހު އެންމެ އަވަހަށް ފަށާނީ "ސެލިއުޓް"ގެ މަސައްކަތެވެ. ޚަބަރުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރު އެވެ.

ރާކޭޝް ޝަރްމާ އަކީ ޕައިލެޓެއްގެ އިތުރުން އެސްޓްރޮނޯޓެކެވެ. އަޝޯކާ ޗަކްރާ އަދި ހީރޯ އޮފް ސޯވިއެޓް ޔޫނިއަން އެވޯޑު ވެސް ހޯދައިފައިވާ ރާކޭޝް ޝަރްމާގެ ސްޕޭސްއަށް ދަތުރު ކުރި އިންޑިއާގެ ހަމައެކަނި ރައްޔިތެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ އިމްތިޔާޒް އަލީގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އިންނެވެ. އެ ފިލްމު ބޮކްސްއޮފީހުގައި ފްލޮޕް ވެފައިވާއިރު، ގިނަ ބަޔަކު ތިބީ ޝާހުގެ މޮޅު ފިލްމެއްގެ އިންތިޒާރުގައެވެ.

އެހެންކަމުން "ޒީރޯ" އަދި "ސެލިއުޓް" އަކީވެސް ޝާހުގެ ސަޕޯޓަރުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ފިލްމެވެ.

"ސެލިއުޓް" ފުރަތަމަ ހުށަހެޅީ އާމިރު ޚާން އަށެވެ. ނަމަވެސް އާމިރުގެ އެންމެ ބޮޑު އަދި އުންމީދީ ޕްރޮޖެކްޓު، "މަހާބާރަތާ"ގެ މަސައްކަތުގައި މާބޮޑަށް ބިޒީވުމުން އާމިރު ފިލްމު ދޫކޮށްލީއެވެ.