ހދ. ކުޅުދުއްފުށީގައި ތުއްތު ކުއްޖަކަށް އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެއް އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އިއްޔެރޭ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އެ ކުއްޖާ އަށް ލިބިފައި ހުރި ގެއްލުންތަކާ ގުޅޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އަންހެން ކުއްޖަކަށް ލިބޭނެ ހުރިހާ "ބޮޑެތި" ގެއްލުމެއް އެ ކުއްޖާ އަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުއްޖާ ވަރަށް ބޮޑަށް ޔޫރިން އިންފެކްޓްވެފައިވާ ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި ކުޅުދުއްފުށީ ހޮސްޕިޓަލުން ބުންޏެވެ. އަދި އެ ކުއްޖާ އަށް ތަކުރާރުކޮށް އެތައް ދުވަހެން ވަންދެން ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގެން ހުރި ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެ އެވެ.

މާލޭގައި ދިރިއުޅެމުންދާ އާއިލާއަކަށް ނިސްބަތްވާ 16 އަހަރުގެ އަންހެން ކުއްޖަކަށް ވަރަށް ޅަ އުމުރުއްސުރެ ފެށިގެން އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާކުރަމުން ދިޔަ ކަމަށް ބުނާ މައްސަލައެއް ޖެންޑާ ޑިޕާޓުމަންޓުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުން ނެވެ.