ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ތިންވަނަ ބުރަށް ލ. ގަމު ފުޓްސަލް ކްލަބާއި އެންމެފަހުގެ ޗެމްޕިއަން ބަޖިޔާވެސް ދަތުރުކޮށްފިއެވެ.

އުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރި 120 ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކުރި 60 ޓީމެވެ.

ދެވަނަ ބުރުގެ މެޗުތައް މިއަދާއި ރޭގައިވެސް ވަނީ ކުޅެފައެވެ.

ލ. ގަމު ފުޓްސަލް ކްލަބުން ތިންވަނަ ބުރަށް ދިޔައީ 11-2ގެ ނަތީޖާއަކުން އެފްސީ ބެންޑިޓްސް ބަލިކޮށްގެންނެވެ.

މެޗުގައި ގަމު ފުޓްސަލް ކްލަބަށް އަހުމަދު ހަލީމް ހަތަރު ގޯލް ޖަހައިދީފައިވާ އިރު، ހަސަން ރަމީޒާއާއި އަހުމަދު ރަޝީދު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިދީފައެވެ. ގަމު ފުޓްސަލް ކްލަބުގެ އިތުރު ގޯލްތައް ޖަހައިދިނީ ޝިނާން ޝަރީފާއި އަބްދުﷲ ޖުނައިދެވެ.

ބެންޑިޓްސްގެ ގޯލްތައް ޖަހައިދިނީ އަލްތާފު އިލްހާމެވެ.

އެންމެފަހުގެ ޗެމްޕިއަން ބަޖިޔާއިން ޓީމު ޕީޗަސް ބަލިކުރީ 7-3ގެ ނަތީޖާއަކުންނެވެ.

ބަޖީގެ ހުސައިން ޝަރީފް (އޮންލީ) މެޗުގައި ހަތަރު ގޯލް ޖެހި އިރު، ޔާމީން މުހައްމަދާއި މުހައްމަދު ރިއްފަތު އަދި އަބްދުﷲ ޝާފިއުވެސް ވަނީ އެޓީމަށް ގޯލް ޖަހައިފައެވެ.

ޕީޗަސްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އަބްދުﷲ ޒައީމެވެ. އަނެއް ގޯލް ޖަހައިދިނީ ހަމްދާން އަބްދުލް ސައްތާރެވެ.

ރޭ އަދި މިއަދު ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ތިންވަނަ ބުރަށް ދަތުރުކުރީ ނޮއޭނާ، ހަނިމާދީ ފުޓްސަލް ޓީމު، އެފްސީ ދަންނަ ނުދަންނަ، ދަނޑު ގޯޅި އެފްސީ، ޓީމު ކޮޅުފުށި، ވައިޕާސް، ލުއްޗާސް، ޕަންކު ހޫލިގަންސް، ޑީސީޖޭ، ޕާކްގެ އިތުރުން ތިމަރަފުށީ ޔޫތު ޕްލޭޔާސް އަދި ޔޫތު ރިވޮލިއުޝަން ކްލަބު (ވައިއާރްސީ) އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މާދަމާ އަދި އޭގެ އަނެއް ދުވަހުވެސް އޮންނާނެއެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާއެވެ.