ނަވާރަ މަސް ދުވަހުގެ މެދު ކެނޑުމަކަށްފަހު އާސެނަލްގެ ސްޕެއިން މިޑްފީލްޑަރު ސަންތީ ކަޒޯލާ، އެނބުރި ޓީމުގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.

މިހާތަނަށް 14 އަހަރު ފުޓުބޯޅަ ކުޅުމުގައި ހޭދަކޮށްފައިވާ ކަޒޯލާ އެންމެފަހުން ވާދަވެރި މެޗެއްގައި ކުޅެފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ކަޒޯލާގެ ފައިގެ ކުޑަކަޅުވާގެ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަށް ސާޖަރީއެއް ހަދައިފައިވާ އިރު، އޭނާގެ ފައިގެ މަސްގަނޑުގެ އޮޕަރޭޝަންކޮށް، އަތުގެ ހަންގަނޑުގެ ބައެއްގެ ކުޑަ ކަޅުވާއާ ދިމާއިން ގުޅުވައިފައިވެސްވެއެވެ.

ގިނަ އޮޕަރޭޝަން ތަކަކަށްފަހު ކަޒޯލާގެ ކެރިއއަރު ނިންމާލަން ޖެހުމުގެ ބިރު ހީވި ނަމަވެސް އިއްޔެ ވަނީ އާސެނަލާއެކު އޭނާ ފަރިތަކުރަން ފަށައިފައެވެ. އުމުރުން 32 އަހަރުގެ ކަޒޯލާ އާސެނަލްގެ ފަރިތަކުރުންތަކަށް ނުކުމެފައިވަނީ އަމިއްލައަށް ގިނަ ދުވަސްތަކެއް ވަންދެން ފިޒިއޯގެ ޓްރީޓްމަންޓްތަށް ފުރިހަމަކުރުމަށް ފަހުގައެވެ.

ފަރިތަކުރުންތަކަށް ނުކުތުމަށްފަހު ކަޒޯލާ ބުނީ އޭނާގެ ޓާގެޓަކީ ސީޒަން ނިމުމުގެ ކުރިން މެޗަކުން ފެނިލުން ކަމަށާއި، އެހެން ނަމަވެސް ފޯމަށް އަނބުރާ އައުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ބޮޑު އަނިޔާއަކުން ރިކަވާ ވުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެން ނަމަވެސް މުސްތަގުބަލާ މެދު އޭނާ ހުރީ ވަރަށް އުންމީދުގައި ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރު މަލާގާއިން އާސެނަލާއި ގުޅުނު ކަޒޯލާ ވަނީ ޓީމާއެކު 129 މެޗު ކުޅެ 25 ގޯލް ޖަހައިފައެވެ. އަދި އޭނާ ވަނީ އާސެނަލްގައި ވިދާލާ ސްޕެއިން ގައުމީ ޓީމުންވެސް ޖާގަ ހޯދައިފައެވެ.