އަސްކަރީ އިންގިލާބެއް ގެންނަވައި މީގެ 42 އަހަރު ކުރިން ލީބިޔާގެ ވެރިކަމަށް ވަޑައިގަތް ކާނަލް މުއައްމަރުލް ގައްޒާފީ އަބަދު ވެސް ވިދާޅުވަމުން ގެންދެވީ އޭނާ ދިރިއުޅުއްވަނީ ވަރަށް އާދައިގެ ދިރިއުޅުއްވުމެއްގައި ކަމަށެވެ.
ގައްޒާފީ ވިދާޅުވި ގޮތުގައި އޭނާ އަވަހާރަފުޅު ލައްޕަވަނީ ވެސް އެންމެ އާދައިގެ ބަދަވީން ދިރިއުޅޭ ޒާތުގެ ފޭލިގެއެއްގަ އެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ލީބިޔާގެ ވެރިރަށް ތަރާބުލުސްގެ ކޮންޓްރޯލް ލިބި، ގައްޒާފީ އާއި އޭނާގެ ދަރިދަރިކަލުން ދިރިއުޅުއްވި ތަންތަން ފެނުނު އިރު ހާމަވެގެން ގޮސްފައި ވަނީ މުޅިން އެހެން މަންޒަރެކެވެ.

ސީއެންއެންގައިވާ ގޮތުގައި އެ އެޖެންސީގެ ޓީމަކުން ވަނީ ގައްޒާފީގެ ދަރިކަލުން ހަނިބަލް ދިރިއުޅުއްވި ގެކޮޅަކަށް ޒިޔާރަތްކޮށްފަ އެވެ. ތަރާބުލުސްގެ ގޮނޑުދޮށުގައި ހުންނަ އެގެއިން ފެނުނު ކަންތައްތައް ސީއެންއެންގެ ވެބްސައިޓްގައި ވަރަށް ތަފްސީލުކޮށް ވަނީ ލިޔެފަ އެވެ.

ސީއެންއެންގެ ނޫސްވެރިން ބުނެފައިވާ ގޮތުގައި އެގެއަކީ ވަރަށް ޒަމާނީކޮށް ހަދާފައިވާ ގެއެކެވެ. ކޮންމެ ކޮޓަރިއެއްގައި ސައުނާއާއި ޔަކޫޒީ އެކުލެވޭ ފާހާނާތައް ހުއްޓެވެ. އަދި އެދުވަހު އެތަން ލޫޓްވައި ހާވާމުން ދިޔަ ހަނގުރާމަވެރިންނަށް އެގެއިން ގިނަ އަދަދެއްގެ ރާފުޅިތައް ފެނުނު ކަން ވެސް އެމީހުން ފާހަގަ ކުރެވެ އެވެ.

ހަނިބަލްގެ ގެކޮޅުން ފެނުނު އެންމެ ހައިރާން ކުރުވަނިވި އަދި ހިތްދަތި މަންޒަރަކީ އެގެއިން ދިމާވި ހާދިމާއަކަށް ޖައްސާފައިވާ ހާލެވެ. ހަމިބަލް ގައްޒާފީގެ ތުއްޕުޅު ބޭފުޅުން ބެލެހެއްޓުމަށް ގެނެސްފައިވާ އެ އަންހެން މީހާ އޭނާ އަށް ކުރިމަތިވި ކަންތައްތައް ވަނީ ސީއެންއެންގެ ކްރޫއަށް ކިޔައިދީފަ އެވެ.

ޝްވޭގާ މުއްލާ ނަމަކަށް ކިޔާ އެއަންހެން މީހާއާ ބައްދަލުވުމުގެ ކުރިން އެގޭގައި ދިރިއުޅުނު އެހެން މީހަކު ސީއެންއެންގެ ކްރޫއަށް ކިޔައިދީފައިވާ ގޮތުގައި ހަނިބަލް ގައްޒާފީގެ އަނބި ކަނބަލުން ވަނީ އޭނާ ފިއްސާލައިފަ އެވެ.

ޝްވޭގާގެ ވީޑިއޯ ސީއެންއެން އިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. މުޅި ބޮލާއި މޫނު ފިހިފައިވާ އެ އަންހެން މީހާ އަށް ހެދިގޮތެއް ކަމަށް އޭނާ ކިޔައިދީފައިވާ ގޮތުގައި ހަނިބަލްގެ އަނބި ކަނބަލުން އޭނާ ދެކެ ރުޅި އައީ ތުއްޕުޅު ދަރިކަލުން ރޯތީ އެކަން ނުހުއްޓުވިގެންނެވެ.

އަދި އޭނާ އަށް އަދަބު ދިނުމަށްޓަކައި ކުރި ކަމަކީ ފާހާނާއަށް ވައްދާފައި އޭނާގެ ދެއަތް ބަނދެ، ބޮލަށް ހޫނު ފެން އެޅީ އެވެ. އަދި ފިހިފައިވާ ހާލުގައި އޭނާގެ ފާރުގަނޑުތަކަށް ފަރުވާ ކުރިޔަ ނުދީ ، ކާންބޯން ވެސް ނުދީ އެތައް ދުވަހެއް ވަންދެން ބެހެއްޓި ކަމަށް ވެސް އޭނާ ކިޔައިދީފައިވެ އެވެ.