05 May 2018, 16:50
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު މެޗުތައް ސިފައިން ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ސިފައިން ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބުވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ގްރޫޕް އެއްވަނަ ލިބިފައިވަނީ މެޗަކުން ބަލިނުވެ ކުއާޓާއަށް ދިޔަ ޒެނިތު ސްޕޯޓްސް ކްލަބަށެވެ. ސިފައިންގެ ކްލަބު ކުއާޓާއަށް ދިޔައީ ދެވަނަ ޓީމުގެ ގޮތުގައެވެ.
ރޭ ސިފައިންގެ ކްލަބުން ޕްރިޒަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރި 26-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިފައިންގެ ޓީމުގެ އާމިނަތު ޒާހިޔާ (ޒެޑޭ) ފަސް ގޯލް ޖެހި އިރު، އައިމިނަތު ފަޒުލާ އަދި މަރިޔަމް ރިފާވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލް ޖަހައިފައެވެ.
ފާތިމަތު އަލްމާ އަލީއާއި ފާތިމަތު ޒާހިރާ ހެޓްރިކް ހަދާފައިވާ އިރު، ނާހިދާ އަހުމަދާއި ފާތުމަތު ޝަހުމާ އަދި އައިމިނަތު އަޒީމާވެސް ވަނީ މެޗުގައި ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ. ސިފައިންގެ ޓީމުގެ އަނެއް ގޯލް ޖެހީ ޝައްފަ ޝިއުތުއެވެ.
ޕްރިޒަންސް ކްލަބުގެ ހަމައެކަނި ގޯލް މެޗުގައި ކާމިޔާބުކޮށްދިނީ ފާތިމަތު ޒީމާއެވެ.
ރޭގެ ދެވަނަ މެޗު، ޒެނުތު ސްޕޯޓްސް ކްލަބަށް 2-0ގެ ނަތީޖާއަކުން ލިބުނީ އިދިކޮޅަށް ކުޅެން އޮތް އެފްސީ ރަނިން މެޗަށް ހާޒިރު ނުވުމުންނެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަން ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދާއި މިރޭ ކުޅޭނެއެވެ.
ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.