05 May 2018, 13:53
ސަންއާ (މޭ 5): ޔަމަނުގެ ރަށެއް ކަމަށްވާ ސުގުތުރާއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފައުޖުތަކުން އަރައި، އެރަށުގެ އެއާޕޯޓާއި ކަނޑުގެ ބަނދަރަށް ވެރިވެގަނެފި ކަމަށް ޔަމަނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެއޮފިޝަލާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން ޔޫއޭއީގެ ސިފައިން ވަނީ ސުގުތުރާގައި ހުންނެވި ޔަމަނުގެ ބޮޑުވަޒީރު އަހުމަދު އުބެއިދު ބިން ދަގުހަރުއާއި އިތުރު މިނިސްޓަރުންތަކެއް އިއްޔެ ރަށުން ފައިބަން އުޅުއްވި އުޅުމަށް ހުރަސް އަޅާފައެވެ. އަދި ސައުދީ އަރަބިއާއިން ވަނީ އެމައްސަލަ ތަހުގީގު ކުރުމަށް ބަޔަކު ފޮނުވާނެ ކަމަށް ބުނެފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ސުގުތުރާގެ އާބާދީ 60،000 އަށް އަރައެވެ. އަދި އެރަށުގައި ފައިޓާ ޖެޓާއި އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރަން 3،000 މީޓަރު ދިގު ރަންވޭއެއް އޮވެއެވެ. ޔޫއޭއީން ވަނީ އެރަށް 99 އަހަރަށް ކުއްޔަށް ނަގާފައިވާ ކަމަށާއި އެރަށުގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް ދާދި ފަހުން ބުނެފައެވެ.
އޭގެ ސަބަބުން ސުގުތުރާގެ ރައްޔިތުން ވަނީ ޔޫއޭއީގެ ސިފައިން އެރަށަށް އެރުމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އަދި އެމުޒާހަރާތަކުގައި ރައީސް އަބްދުއްރައްބު މަންސޫރު ހާދީއަށްވެސް ތާއިދުކޮށް އަޑު އުފުލާފައި ވެއެވެ.
ޔަމަނުގެ ސަންއާ ހިފާފައިވާ ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރައީސް ހާދީގެ ފައުޖުތަކާއެކު ޔޫއޭއީންވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް ޔަމަނުގެ ދެކުނުގައި ޔޫއޭއީން އެގައުމުގެ ނުފޫޒު އިތުރު ކުރަމުންދާތީ ހާދީއާއި ޔޫއޭއީގެ ގުޅުމަށް ވަނީ ބުރޫ އަރާފައިއެވެ.
(އަލްޖަޒީރާ)