05 May 2018, 12:38
ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު، ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމީން ނޫން ދެވަނަ ބޭފުޅަކު ހުންނެވި ނަމަ ގައުމުގައި މިއަދު އޮންނާނީ އަކްސަރީ ވެރިކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
"އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީން"ގެ ނަމުގައި ޕީޕީއެމުން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާނެ އެންމެ މުހިއްމު އަސާސީ އެއްކަމަކީ އެގައުމަށް ބޭނުންވާނެ މިނިވަންކަމާއި އިސްތިގުލާލު ކަމަށާއި އެކަން ހިމާޔަތްކުރުމަށް ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އެކެއް ފެބްރުއަރީގައި ރައީސް ޔާމީން ފިޔަވައި ދެވަނަ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުރި ނަމަ މިއަދު ދިވެހިން އުޅެންޖެހޭނީ އެހެން މީހުން ބުނިހާ ގޮތެއް ހަދައިގެން އެމީހުން ދެއްކި ތަނަކަށް އަޅުކަން ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކެއް ފެބްރުއަރީގައި ރައީސް ޔާމީން ފިޔަވައި ދެވަނަ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުރި ނަމަ މިގައުމުގެ މިނިވަންކަން ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެހެން މީހަކު ވެރިކަމުގައި ހުރި ނަމަ އަޅުގަނޑުމެން މިހާހިސާބަށް އަންނަ އިރު އޮންނާނީ އަސްކަރީ ވެރިކަމެއްގެ ދަށުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ސިޔާސީ ވަރަށް ބޮޑު ހަލަބޮލިކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީންގެ ހިކުމަތްތެރި އަމަލުން ރާއްޖޭގައި ހުރި ތަފާތު ގިނަ އިޖްތިމާއީ މައްސަލަތަކެއް މިއަދު ހައްލު ކުރައްވާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ، ރާއްޖެ މިހާރު މިދެކޭ ޒަމާނީ ތަރައްގީގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށާއި އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"މިއަދު ގަބޫލުކުރަން ޖެހޭ ސިޔާސީ މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރު ގާނޫނު އަރާ ހަމަކުރާނެކަން. ބޭބެއެއް ކަމަށް ވިޔަސް ކޮއްކޮއެއް ކަމަށް ވިޔަސް ގާނޫނު އަރާ ހަމަކުރާނެ. އެމީހަކު ފޭހުނު އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެ. އެކަން މިއަދު ގަބޫލުކުރަންޖެހޭނެ." މިނިސްޓަރު ވިދާޅުވި އެވެ.