03 Sep 2011, 13:03
ޑީއާރުޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ޕާޓީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވި އިރު އެ ޕާޓީން ވަކިވެވަޑައިގަތް ކަމެއް އެ ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އިލްހާމް ފޯނުން ވިދާޅުވީ މާދަމާ އެ ސިޓީ ފޮނުއްވާނެ ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އިލްހާމް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާ އިސްތިއުފާ ދެއްވި މައުގަނޑު ހަ ސަބަބެއް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭ ޑީއާރުޕީ އަކީ މިއަދު އިދިކޮޅު ޕާޓީއަށް ވިޔަސް، އިދިކޮޅު ޕާޓީއެއްގެ ރޫހާއި އިދިކޮޅު ޕާޓީއަކުން މަސައްކަތް ކުރަން ޖެހޭ ގޮތާއި އިދިކޮޅު ޕާޓީއަކުން ކަންކަން ރާވައި ތަންފީޒުކުރުމުގައި ހުންނަން ޖެހޭ ހަރުދަނާކަމެއް ނެތް ކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ޕާޓީގެ ލީޑަރާ އަދިވެސް އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނާ މެދު ކުރާ ކޮރަޕްޝަނުގެ ތުހުމަތު ތަކާއި "ސަރުކާރާ އެކު ތަސްމީން ހަދަމުންދާ ޑީލްތަކުގެ" ސަބަބުން ޑީއާރުޕީގެ ލީޑަރާ މެދު އުއްމީދު ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އިލްހާމްގެ ސިޓީގައި އަދި ވިދާޅުވެފައި ވަނީ ޑީއާރުޕީގެ އިންޓާނަލް ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު އާދަޔާ ޚިލާފަށް ހީނަރުވެފައިވާ ކަމަށެވެ. އަދި ވަކި ބައެއްގެ އެދުންތައް އިސްކޮށް، އާއިލީ މަސްލަހަތު ކުރިއަށް ނެރެ، ޒާތީ ކަންކަން އިސްކުރާކަމަށް ވެސް އެ ސިޓީގައި އިލްހާމް ވަނީ ތުހުމަތު ކޮށްފަ އެވެ.
ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އަލަށް ހައްދަވާ ސިޔާސީ ޕާޓީ އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވާ އިލްހާމް ވިދާޅުވީ އަތޮޅުތަކުގައި ތިއްބެވި ޑީއާރުޕީގެ މެމްބަރުންނަށް ޕާޓީގެ ތެރޭ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އެ މެމްބަރުންގެ ވެސް އަޑު ކެނޑިފައިވާ ކަމަށެވެ. އަދި ތަސްމީން އަލީގެ ލީޑާޝިޕް ކަމުގެ ދަށުގައި 2013 ޑީއާރުޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށާއި އަދި ރައީސް ކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ވެސް ޑީއާރުޕީގެ ގިނަ މެމްބަރުން ގަބޫލު ނުކުރާ ކަމަށެވެ.
"ވީމާ މިދެންނެވި މައިގަނޑު ސަބަބު ތަކަށްޓަކައި، މަނިކުފާނުގެ ޒަޢާމަތުގައި މި ވަގުތު މަނިކުފާނުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުރުމަކީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަކަށްވާތީ އާއި، އަދި ދޫބަންދުވެފައި، ހަތަރެސްފައި ބަނދެވިފައި ހުރުމަކީ މިވަގުތައް ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވާތީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ އެވެ،" އިލްހާމުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ ޕާޓީ އަށް އިލްހާމްގެ އިސްތިއުފާގެ ސިޓީ އަދި ނުލިބޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިލްހާމް ޕާޓީން ވަކިވެވަޑައިގަތީ ތަސްމީން ކޮރޮޕްޓްވެގެން ނޫން ކަމަށާއި ޑީއާރުޕީގެ ލީޑަޝިޕުން ތަސްމީން ދުރަށް ނުޖެއްސިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އިލްހާމް ޑީއާރުޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވީ ވަކި ބޭފުޅަކަށް ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.