19:00


އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓް ދެކުނު ޕްރޮވިންސްގައި ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވާފައިވުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އައްޑު އަތޮޅުގައި މިއަދު ލޮރީ ބުރެއް ބާއްވައިފި އެވެ.


މި ލޮރީ ބުރަކީ ދެކުނު ޕްރޮވިންސްގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މިއަދު ހަވީރު ހަތަރެއްޖެހިއިރު ހިތަދޫން ފެށި ލޮރީ ބުރެކެވެ.


މިއިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނު ހިތަދޫ މީހަކު މިއަދު ބުނީ އައްޑޫ އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށް ކަމުގައިވާ މަރަދޫފޭދޫއާއި، މަރަދޫއާއި، ފޭދޫ އަދި ހިތަދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މިލޮރީ ބުރުގައި ވަރަށްގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ. "މިއީ ދެކުނު ޕްރޮވިންސްގެ ކުރިއެރުމުގެ ފެށުން" ، "ސާކް ސަމިޓްގައި ބައިވެރިވެވަޑައިގެންނަވާ ބަންދޫބުންނަށް ދެކުނު ޕްރޮވިންސުން ބަރުހަބާ ކިޔަން" މިފަދަ ލިއުންތައް ހިފައިގެން އުފާފާޅުކުރުމަށް މިއަދު ބޭއްވި އެ ލޮރީ ބުރަކީ މިހާތަނަށް އައްޑޫގައި އެންމެ ގިނަ މީހުން ބައިވެރިވެގެން ބޭއްވި މިފަދަ ފުރަތަމަ ލޮރީ ބުރު ކަމަށް އޭނާ ބުންޏެވެ.


މިއަދު ބޭއްވި އެ ލޮރީ ބުރު ނިންމާލާފައިވަނީ އިރުއޮއްސި ހައެއް ޖަހާކަންހާއިރެވެ.


17 ވަނަ ސާކް ސަމިޓްގެ ބައެއް އައްޑު އަތޮޅުގައި އަދި އަނެއް ބައި ފުވައްމަލަކުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.