05 May 2018, 11:50
މާލޭ ސްވިމިންގ ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި ޓްރެކް ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރުމަށް ޓްރެކް ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މިއަދު މެންދުރުން ފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ސްވިމިން އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ ޓްރެކް ސަރަހައްދު ބަންދުކުރަން ނިންމީ މަސައްކަތް ކުރަމުންދާ އިރު، އެސަރަޙައްދުގެ މޫދު ލޮނުގަނޑު ކިލަނބުވެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ސިއްހީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށްޓަކައެވެ. އަދި މަސައްކަތް ކުރިއަށްދާ އިރު، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމަށްވެސް އެސޯސިއޭޝަނުން އެދިވަޑައިގަންނަވައެވެ.
Upon request from Youth Ministry,@HousingGovMvwill attempt in dredging the area back to its original depth profile. Meanwhile, full support from the public is important specially for safety reasons.pic.twitter.com/km8APpjvTu
— Dr.Mohamed Muizzu (@MMuizzu)May 5, 2018
މީގެ އިތުރުންވެސް އެސޯސިއޭޝަނުން ބުނެފައި ވަނީ މަސައްކަތް ނިމި އަލުން ޓްރެކް ހުޅުވޭނީ ލޮނުގަނޑު ސާފްވުމުން ކަމަށާއި، އަލުން ޓްރެކް ހުޅުވުމަށްފަހު އެސޯސިއޭޝަނުން އެކަން އަންގާނެ ކަމަށެވެ.
ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން ފަތާ ޓްރެކު ސަރަހައްދު ފުންކުރުމަށް ހައުސިންގް މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި އާންމުންގެ އެއްބާރުލުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ފަތާ ޓްރެކް ސަރަހައްދަކީ އާއްމުކޮށް މާލޭގެ ގިނަ ބަޔަކު މޫދަށް އެރި، ފެތުމުގެ ގިނަ ހަރަކާތްތަކެއް ހިންގާ ސަރަހައްދެކެވެ. އެ ސަރަހައްދު ވަރަށް ބޮޑަށް ވޮޑި، ވެލި އަރަމުންދާތީ ގިނަ ބަޔަކު ވަނީ އެކަމާ ކުރިންވެސް ޝަކުވާ ކޮށްފައެވެ.