05 May 2018, 11:07
ބަތަލާ މާދުރީ ޑިކްސިޓްގެ މަރާޓީ ފިލްމު "ބަކެޓް ލިސްޓް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މިއަދު ފިލްމުގެ ޓްރެއިލާ އާންމު ކުރި އިރު، ތޭޖާސް ޕްރަބާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ރިލީޒް ކުރަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސް ކޮށްފައިވާ "ބަކެޓް ލިސްޓް"ގައި މާދުރީއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ގެވެހި އަނތްބެކެވެ.
އޭނާގެ ދިރިއުޅުން ބަދަލުވެގެން ދަނީ އޭނާގެ ހިތުގެ ޓްރާންސްޕްލާންޓެއް ކުރާ ހިސާބުންނެވެ. އޭނާއަށް ހިތް ޑޮނޭޓުކުރި އަންހެން ކުއްޖާ މަރުވުމުގެ ކުރިން ކުރަން ބޭނުން ކަންތައްތަކުގެ "ބަކެޓް ލިސްޓް" ފެނި، އެ ލިސްޓު ފުރިހަމަ ކޮށްދޭން މާދުރީ ބޭނުންވެއެވެ.
އަދި ފިލްމުގައި ފެނިގެން ދާނީ ޒުވާން އަންހެން ކުއްޖެއްގެ "ބަކެޓް ލިސްޓް" ފުރިހަމަ ކުރުމަށް މާދުރީ ކުރާ މަސައްކަތެވެ.
ފިލްމުގެ ޓްރެއިލާއަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަ އިރު، ފިލްމުގައި ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރުގެ ޚާއްސަ ފެނިލުމެއްވެސް ހިމެނޭނެއެވެ.