ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި ތިޖޫރީގައި ހުރި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި އެ އިދާރާގެ ބައެއް ސަމާނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ އާއި ބައެއް ތަކެތި ވަގަށް ނެގި މައްސަލައިގައި 28 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
"އަޅުގަނޑުމެން އެ ދެ މީހުން ހައްޔަރު ކުރީ މިދިއަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، މިހާރު އެ ދެ މީހުންނާ ސުވާލު ކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

މަގޫދޫ ކައުންސިލުން ބުނެފައި ވަނީ އެ ރަށު ކައުންސިލް އިދާރާ ފަޅައިލީ އިދާރާގެ މައި ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. މަގޫދޫ ކައުންސިލު އިދާރާގެ ތިޖޫރީގައި ހުރި ފައިސާތައް ގެންދިޔައިރު ކައުންސިލް އިދާރާގެ ދެ ލެޕްޓޮޕާއި ޑިޖިޓަލް ކެމެރާއެއްގެ އިތުރުން މަލްޓިމިޑިޔާ ޕްރޮޖެކްޓަރެއް ވެސް ވަގުން ގެންދިޔަ އެވެ. އެއިން އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައިވާ ކަމެއް ވެސް ނުވަތަ ނުވާ ކަމެއް ވެސް ފުލުހުންނެއް ނުބުނެ އެވެ.

މަގޫދޫ ކައުންސިލްގެ ތިޖޫރީ ފަޅާލައިގެން ފައިސާތައް ގެންދިޔައީ ބައެއް މުވައްޒަފުންނަށް މުސާރަ ވެސް ނުދީ ހުއްޓަ އެވެ.