ރައީސުލްޖުމްހޫރިއްޔާ އަދި ފިރިކަނލުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން ދިވެހި ފިރިހެނުން މިސާލު ނެންގެވުމަށް މެޑަމް ފާތުމަތު އިބްރާހިމް ގޮވާލައްވައިފި އެވެ.

މެޑަމް ފާތުން އެކަމަށް ގޮވާލެއްވީ ފުވައްމުލައް ސިޓީގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޕީޕީއެމްގެ ޖަލްސާއެއްގައި އެކަމަނާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

"އަޅުގަނޑަށް މި މަސައްކަތުގައި ވަގުތު ހޭދަ މިކުރެވެނީ ފިރިކަލުން އަޅުގަނޑަށް މިފުރުސަތުތައް ދެއްވާތީ. ދިވެހި އެންމެހާ ފިރިންވެސް ރައީސް ޔާމީންގެ މިސާލުން މިސާލު ނެންގުވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ޝުކުރިއްޔާ ރައީސް ޔާމީން،" އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީންގެ ނަމުގައި ބޭއްވި ޖަލްސާގައި މެޑަމް ވިދާޅުވި އެވެ.

މެޑަމް ފާތުން ވިދާޅުވީ، ވަރުބަލިކަމެއް ނެތި އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމިހުރުމުގެ ސަބަބަކީ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާ އަށް ލިބެމުންދާ ފުރިހަމަ ބައިވެރިވުމާއި ލޯބި ކަމަށެވެ.

އެކަމަނާ އަކީ ވެސް ތިން ކުދިންގެ މަންމައެއްގެ އިތުރުން މާމަ ކުއްޖަކު ވެސް ހުރި ދިވެހި އަންހެނެއް ކަމުން، ރައްޔިތުންގެ އިހުސާސްތައް ވެސް އެކަމަނާ އަށް އެނގިވަޑައިގަންނަވާ ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.

އެގޮތުން، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މެޑަމް ވަނީ ރައީސް ޔާމީން ރާއްޖެއަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މެޑަމް ފާތުން ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މަލަމަތި ބަދަލުވެފައިވާ ކަމަށެވެ. އަދި ގިނަ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި އެފަދަ މާހައުލެއް ގާއިމް ކޮށްދެއްވަމުން ގެންދަވަނީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދަރިންނަށް ވެސް އިސްލާމީ އުސޫލުތައް ފުރިހަމައަށް ހިންގައި ތަރައްގީ ވެފައިވާ ޚިދުމަތްތައް ފުރިހަމަ އަމާން ވެއްޓެއް ފޯރުކޮށްދޭން ބޭނުން. މިއަދު ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ދެންނެވި މާހައުލު ގާއިމްކޮށްދެއްވަމުން މިދަނީ ރައީސް ޔާމީން،" މެޑަމް ވިދާޅުވި އެވެ.

އަދި ދިވެހި ވަންތަ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވެ، އެކަކު އަނެކަކަށް އަޅާލައި އެއްބައިވަންތަ ފުއްދުންތެރި މުޖުތަމައުއަކަށް ހައްދަވަން ރާއްޖޭގެ ރައްޔިތުންނަށާއި ޚާއްސަކޮށް ދިވެހި ކަނބަލުންނަށް މިރޭގެ ޖަލްސާގައި އެކަމަނާ ވަނީ ގޮވާލައްވައިފައެވެ.

"އެންމެހާ ދިވެހި ރައްޔިތުން. އަޅުގަނޑާއެކު ނިކުމެވަޑައިގަންނަވާ. އަޅުގަނޑުމެންގެ ގައުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ދިފާއު ކުރުމަށްޓަކައި ބައިވެރިވެއްލައްވާ. ރާއްޖޭގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށް އަންނާކަށް ދިވެހި އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ. މި ރާއްޖޭގެ މި ހަލުވި ތަރައްގީ ދެމެހެއްޓޭނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރެވިގެން،" މެޑަމް ފާތުމަތު ވިދާޅުވި އެވެ.